ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދޭނެ އުސޫލުތަކެއް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން މިއަދު ބާއްވި މަޖިލީހުގެ ޖަލްސާގައި އިވްއިފި އެވެ.

ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ ފަރާތްތަކުގެ އަތުން ބަދަލު ހޯދޭނެ އުސޫލުތަކެއް ބަޔާންކޮށް "ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި ވަނީ އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

"ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"ގެ ނަމުގައި އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އުފުލަންޖެހޭ ޒިންމާ އެކަށައަޅައިދިނުން ކަމަށް މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހެޅުއްވި ބިލްގައިވާ ގޮތުން ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހަކާ މެދު ސިއްހީ ފަރުވާދޭ މީހަކުވި އިހްމާލެއްގެ ނަތީޖާއެއްގެ ގޮތުން އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވިއްޖެ ނަމަ އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވުނު ދުވަސްތަކަށްވާ އަދަދަށް ފައިސާގެ ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ. ހަމަ އެހެންމެ ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އޭނާ އިތުރަށް ހޯދަން ޖެހުނު ފަރުވާ އަށް ދިޔަ ޚަރަދު ވެސް ހޯދަން ކޯޓުގައި އެދެވޭނެ ކަމަށް އެ ބިލްގައި ބުނެ އެވެ.

ސިއްހީ ޚިދުމަތެއް ދިނުމުގައި އިހުމާލުވެފައިވުމުގެ ދައުވާ ލިބޭ ފަރާތުން އިހްމާލްވެފައިނުވާކަން ސާބިތުކުރެވޭނެ ގޮތްތަކާއި އަދި އެމީހަކު އިހުމާލު ވެފައިވާކަން ސާބިތުކުރެވޭނެ ގޮތުގެ ތަފްސީލް ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.

އެ ބިލްގައިވާ ގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ތިބޭ ނަރުހަކު ނުވަތަ ޑޮކްޓަރަކު އިހްމާލުވި ކަމަށް ދައުވާ ކުރުމުގެ އިތުރުން އެ މަރުކަޒުން އިހުމާލުވި ކަމަށް ގަބޫލުކުރެވޭ ނަމަ އެތަނަކާއި ދެކޮޅަށް ވެސް ދައުވާ ކުރެވިދާނެ އެވެ.

މިއީ 18 ވަނަ ރައްޔިތުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.