09 Jun 2014, 12:26
މީގެ ތިން މަސް ކުރިން ގެއްލުނު މެލޭޝިއާ އެއާލައިން އެމްއެޗް370 ފްލައިޓްގެ މައުލޫމާތު ދޭ ފަރާތަކަށް ފަސް މިލިއަން ޑޮލަރު ދިނުމަށް އެ ފްލައިޓްގައި ދަތުރުކުރި މީހުންގެ އާއިލާތައް ގުޅިގެން ފަންޑެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދަ ގާޑިއަން ނޫހުގައި ބުނެފައިވަނީ، ގެއްލުނު ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކުން އެފަންޑު ގާއިމް ކުރުމަށް ނިންމާފައި ވަނީ އެމީހުން ގަބޫލް ކުރާގޮތުގައި އެ ފްލައިޓް ކޮންމެވެސްތާކު އޮތް ކަމަށް އެ އާއިލާތަކުން ގަބޫލް ކުރާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލްކުރެވޭގޮތުގައި ކޮންމެވެސް ބަޔަކަށް އެނގޭނެ ކަަމަށް ކޮންމެވެސް އެއްޗެއް (އެމްއެޗް370އާ ގުޅޭ). އުންމީދު ކުރަން މިކަމުގެ ސަބަބުން އެ ބަޔަކު ކުރިއަށް ނުކުންނާނެ ކަމަށް" އާއިލާތަކާ ގުޅިގެން އެ ފަންޑު ރެއިޒް ކުރުމުގެ މަސައްކަތް ކުރާ ކުންފުނީގެ އޮފިޝަލަކު ގާޑިއަންއަށް ބުންޏެވެ.
މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370 (ނުވެއްޓި) ކޮންމެވެސްތަނެއްގައި ވެއްޖެ ކަމަށާއި އެ ބޯޓުގައި ވާ މެލޭޝިއަން އެއާލައިންގެ ފާހަގަތައް ފޮހެލާފައި ވެދާނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މާހާތީރު ބިން މުހައްމަދު ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މާޗްމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.