09 Jun 2014, 12:08
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާކީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ކަމާއި އަދި މައިނޯރިޓީ ލީޑަރަކީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަމުގައި މަޖިލީހުން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ.
ނިހާނަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެކެވެ. އަދި އިބޫ އަކީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރު ކަމަށެވެ.
މައިނޯރިޓީ ލީޑަރަކީ، މަޖިލީހުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ ފަރާތުން ހުންނަ އެންމެ އިސް މެމްބަރު ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސާއި ނާއިބް ރައީސް ރިޔާސަތު ބަލަހައްޓަވަން ނުކުޅެދިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅުން ކަނޑައަޅައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އެ ބޭފުޅުންނަކީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކެވެ.