މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ރާއްޖެއާ ދޭތެރޭގައި ދެކޭގޮތް ރަނގަޅުވެގެން ދާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލައި ނިންމުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ހެނދުނު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ވެސް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ދުވަސްވަރެއްގައި މިފަދަ ބިލެއް އައުމަކީ ވިޔަފާރި އިތުރަށް ފުޅާކުރެވޭނެ ކަމެއް. އަދި ބައިނަލްއަގްވާމީ ކަންކޮޅުތަކުގައި ރާއްޖެ އާއި ދެކޭގޮތް ރަނގަޅު ތަސައްވުރެއް ގާއިމްކުރެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ކުރިން ހިއުމަން ޓްރެފިކިން ވޮޗްލިސްޓުގެ ދެވަނާގައި ރާއްޖެ އޮތުން އެއީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރައްވައި މަލީހު ވިދާޅުވީ، އިންސާނުންގެ "ވަގުފާރި" ހުއްޓުވުމަށް ޓަކައި މިއަދުގެ ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ބިލަކީ ވެސް އިންސާނުންގެ ވަގުފާރި ހުއްޓުވުމާ ބެހޭ ބިލުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަލީހު ވިދާޅުވީ، އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް ޓަކައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) އާއި ސަރުކާރާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން، މިއަހަރު ނިމުމުގެ ކުރިން ހިއުމަން ޓްރެފިކިން ވޮޗްލިސްޓުގައި ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެގޮތުން ހިއުމަން ޓްރެފިކިން ވޮޗްލިސްޓުގެ އެއް ވަނަ ދަރަޖައަށް ނުވަތަ ފުރަތަމަ މަރުހަލާއަށް ދިއުން އެއީ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ފާސްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު، ތިން ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. އެ ބިލު ރައީސް ޔާމީން ތަސްދީގުކޮށްދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.