09 Jun 2014, 11:24
ޓެކްސީ ޑްރައިވަރުންގެ ފުރަތަމަ ބެޗު ފަސްޓް އެއިޑް ޓްރެއިނިން އިއްޔެ ފުރިހަމަކޮށްފި އެވެ.
ޓެކްސީ ގަވާއިދުގައި ބުނާ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ކަނޑައަޅާ ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމަކީ ޓެކްސީ ޑްރައިވަރުންނަށް ލާޒިމް ކަމަށެވެ.
ޓްރާންސްޕޯޓް އޮޓޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ލިސެންސް އޮތް 820 ޑްރައިވަރުން ފަސްޓް އެއިޑް ޓްރެއިނިން ހަދާނެ ކަމަށެވެ.
"އެކްސިޑެންޓެއް ވިޔަސް އެންމެ ފުރަތަމަ އެޓެންޑުވާ ބަޔަކީ ޓެކްސީ ޑްރައިވަރުން. އެހެންވީމާ ޓެކްސީ ޑްރައިވަރުން ފަސްޓް އެއިޑް ޓްރެއިނިން ހެދުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން ކޮމެޓީން އެގޮތަށް ނިންމީ،" އޭނާ ވިދާޅުވި އެވެ. "ހުރިހާ ޑްރައިވަރުން ވެސް މި ތަމްރީން ފުރިހަމަ ކުރާނެ."
ޓެކްސީ ޑްރައިވަރުންނަށް ފަސްޓް އެއިޑް ތަމްރީނު ދެނީ ރެޑް ކްރެސެންޓުގެ ފަރާތުން ހިލެ އެވެ. މި ތަމްރީނުގައި ސީޕީއާރު ދޭނެ ގޮތާއި ފްރެކްޗާސްތަކަށް އަމަލު ކުރާނެ ގޮތުގެ އިތުރުން ވެސް ވަރަށް ގިނަ ކަންތައްތައް އެނގިގެންދާނެ އެވެ.
ޓެކްސީ ޑްރައިވަރުންގެ ތެރެއިން އިއްޔެ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ 25 މީހުންނެވެ. އަންނަ ސެޕްޓެމްބަރަށް ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ވެސް ފަސްޓް އެއިޑް ޓްރެެއިނިން ދީ ނިންމޭނެ ކަމަށް ބެލެވެ އެވެ.