09 Jun 2014, 11:16
ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ (ވީއޭއެމް) ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބް އިމިގްރޭޝަނުން ހޯދައިފި އެވެ.
ފައިނަލްގެ ފުރަތަމަ ޖާގަ އިމިގްރޭޝަނުން ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ޕޮލިސް ކުލަބާ ވާދަކަޮށް ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒުގައި ކުޅުނު އެ މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓު އިމިގްރޭޝަނުން ކާމިޔާބު ކުރީ 25-18 އިންނެވެ. މެޗުގެ ދެވަނަ ސެޓު 21-25 އިން ކާމިޔާބު ކުރީ ޕޮލިސް ކްލަބެވެ. ތިން ވަނަ ސެޓް 25-18 އިން ކާމިޔާބު ކުރީ އިމިގްރޭޝަނުންނެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-14 އިންނެވެ. މެޗުގެ ފަހު ސެޓް 15-9 އިން ކާމިޔާބު ކުރީ އިމިގްރޭޝަނުންނެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިމިގްރޭޝަންގެ މަރިޔަމް އަޒީފާ އެވެ.
ޖުމްލަ ހަތަރު ޓީމް ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ރޭ ޕޮލިސް ބަލިވި ނަމަވެސް، މުބާރާތުގެ ތިންވަނަ ސެމީއިން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުޞަތު އެޓީމަށް ވެސް އަދި އެބައޮތެވެ.
މުބާރާތުގެ ތިން ވަނަ ސެމީގައި ޕޮލިސް މިރޭ ނުކުންނާނީ މުބާރަތުގެ ދެވަނަ ސެމީއިން ރޭ މޮޅުވި ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ)އާ ދެކޮޅަށެވެ. ސްޓާ ތިން ވަނަ ސެމީން ޖާގަ ހޯދާފައި ވަނީ ކުއީން ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގެ ސެޓްތައް ނިމިފައި ވަނީ 25-23، 15-25، 17-25 އަދި 24-26 އިންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޓާ ޓީމުުގެ އާމިނަތު އަރީޝާ އެވެ.