09 Jun 2014, 10:49
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅަކު ކަނޑަޅައި އެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރަކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަނޑައަޅުއްވައި އެކަން އިއުލާންކުރައްވައިފައި ވަނީ މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅުއްވި ފަސް ބޭފުޅުންނަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެން މަނިކު ދޮންމަނިކެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅުއްވި ފަސް ބޭފުޅުންނަކީ އެންމެ ދިގު މުއްދަތެއްގައި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަސް ބޭފުޅުންނެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ ފަސް ބޭފުޅުންނަކީ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ހގެ ދަށުން ކަނޑައަޅާ ފަސް ބޭފުޅުންނެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް އެކަން އާންމުކޮށް އަންގައި އިއުލާން ކުރަން ޖެހޭނެ އެވެ.