09 Jun 2014, 10:43
މޯލްޑިވިއަންގެ ދެ ވަނަ ސީޕްލޭން "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް" އިއްޔެ ހަވީރު ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވިއަން އިން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެ ބްރޭންޑްގެ ސީޕްލޭނެއް ރާއްޖެ ގެނެސްފަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެ ސީޕްލޭންގައި ކަނދު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު ވަރަށް އަވަސް މުސްތަގުބަލެއްގައި ސީޕްލޭންގެ ހިދުމަތް ފައްޓާނެ ކަމަށެވެ.
"ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެން އިއުލާން ކުރާނަން ސީޕްލޭންގެ ހިދުމަތް ފެށޭނެ ދުވަހެއް،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު އިތުރަށް ވިދާޅުވީ މޯލްޑިވިއަން އިން ތިން ސީޕްލޭން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ސީޕްލޭންގެ ހިދުމަތް ދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަން އިން އެއާޕޯޓްގައި ފްލޯޓިން ޖެޓީއެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި ކަމަށްވާ މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް" އިން ގަތުމަށް ފަހު އެ ދެކުންފުނި މިހާރު ވަނީ އެއްކޮށްލައިފަ އެވެ. އެހެން ކަމުން މޯލްޑިވިއަންގެ ދަތުރުތަކާ އެކު ސީޕްލޭންގެ ވާދަވެރިކަން އަނެއްކާ ވެސް އިތުރު ވާނެ އެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.