04 Jan 2011, 07:37
އުތީމު ގަނޑުވަރުގެ ހިނގުމަށް ޝައުޤުވެރިކަން ފާޅުކޮށް އަމިއްލަ ފަރާތަކުން ހުށަހަޅައިފި އެވެ.
ރާއްޖޭގެ އާސާރީ ބައެއް ތަންތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ހޯދުމަށް ސަރުކާރުން މިދިޔަ މަހު ކުރި އިޢުލާނާ ގުޅިގެން މުއްދަތު ހަމަވި އިރު، ހއ. އުތީމުގައި ހުންނަ ޒިޔާރަތް ބެލެހެއްޓުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައި ވަނީ ދިވެހި ކުންފުންޏަކުން ކަމަށް ހެރިޓޭޖު ޑިޕާޓްމަންޓުން ބުނެފި އެވެ.
އުތީމުގައި ހުންނަ ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒު ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިކަން ހުންނަ ފަރާތެއް ހޯދުމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ލޮކޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.
ހެރިޓޭޖް ޑިޕާޓްމަންޓްގެ ޑިރެކްޓާ އަލީ ވަހީދު ވިދާޅުވީ އުތީމު ގަނޑުވަރު ހިންގަން ހަވާލު ކުރުމުގެ ބޭނުމަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ސަރުކާރުގެ ތަންތަން ސަރުކާރުން ބެލެހެއްޓުމުގެ ބަދަލުގައި ސަރުކާރުގެ ބެލުމުގެ ދަށުން އެތަންތަން ބެލެހެއްޓުން އާއްމު ފަރާތްތަކާ ހަވާލުކުރުން ކަމަށެވެ. އެގޮތުން ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒުގެ އިތުރުން ރާއްޖޭގެ ތަރިކައިގެ ގޮތުގައި ހުރި އެހެނިހެން ބައެއް ތަންތަން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް މިދިޔަ މަހު ކޮށްފައިވާ އިޢުލާނާ ގުޅިގެން 12 ވަރަކަށް ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
" މަގުސަދަކީ ރާއްޖޭގެ ތަރިކައިގެ ގޮތުގައި ހުރި ތަންތަން ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުން. މީގެއިތުރުން ވީހާ ވެސް ބޮޑަށް އާއްމު ރައްޔިތުން އެކަންކަމުގައި ބައިވެރިކޮށް، ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ކުޑަ ކުރުން." ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ ތަރިކައިގެ ގޮތުގައި ބަލަހައްޓާ ތަންތަން ބަލަހައްޓާނެ ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ އެކު ބައްދަލުވުމެއް ބޭއްވުމަށް ފަހު މި މަހުގެ ނިޔަލަށް އެފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ތަންތަން ބަލަހައްޓާ ހިންގާނެ ގޮތަކާ ބެހޭ ޕްރޮޕޯޝަލްތައް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
ޕްރޮޕޯޝަލް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އެއް ތަނަށް ވުރެ ގިނަ ތަންތަން ހިންގަން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒުގެ އިތުރުން ރާއްޖޭގެ ތަރިކައިގެ ގޮތުގައި ސަރުކާރުން ބަލަހައްޓާ ތަންތަނުގެ ގޮތުގައި 45 ރަށަކުން 68 ތަނެއް ހިންގާނެ ބަޔަކު ހޯދުމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ވަނީ އިއުލާންކޮށްފަ އެވެ.