ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައި ވާ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީއެޗްއެމް ޓްރޭޑާސް ހަމަޖައްސައިފި އެވެ.

ބީއެޗްއެމް ޓްރޭޑާސްއާއި ކްރިކެޓް ބޯޑާ ދެމެދު ސަލްސާ ރޯޔަލް ރެސްޓޯރަންޓުގައި ރޭ ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މިއަހަރުގެ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތް ކުރިއަށް ގެންދާނީ، "އެކްސް އެލް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް" މި ނަމުގައެވެ.

ކްރިކެޓް ބޯރޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ބޯޑުގެ ރައީސް އަހްމަދު ހަސަންދީދީ އާއި ނައިބު ރައީސް މުހަންމަދު ފައިސަލްއެވެ. ބީއެމްއެޗް ޓްރޭޑާސްއިން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފިހާރައިގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އިބްރާހިމް ސަރީފާއި ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖަރު އިބްރާހިމް މައުމޫން އެވެ.

ސަލްސާގައި ރޭ ބޭއްވި ހަފްލާގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ކްލަބްތަކާއި އަތޮޅުތަކުގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން ބައިވެރިވި އެވެ.