09 Jun 2014, 10:26
ހުޅުމާލެގައި ދިރިއުޅެމުން އަންނަ އުމަރު ހަސަން، 61، (ހަސަންބެ) ފެރީ ޓާމިނަލް ތެރޭގައި އިންނަތާ 15 މިނެޓް ވެއްޖެ އެވެ. އޭގެ ކުރިން އޭނާ 10 ވަރަކަށް މިނެޓް ވަންދެން ހުރީ އިށީންނާނެ ގޮނޑިއެއް ނުލިބި ކޮޅަށެވެ. އެ ވަގުތުތަކުގެ ތެރޭގައި އޭނާ ދިޔައީ އެތައް ޝަކުވާތަކެއް ކުރަމުންނެވެ. ނަމަވެސް އެއީ އާ ކަމެއް ނޫނެވެ. މަސައްކަތް ނިންމާލައި ލިބިފައި ހުންނަ ލޮނޑުކަމާ އެކު އެނބުރި ހުޅުމާލެ އަށް ދިއުމަށް ޓަކައި ޓާމިނަލަށް ގޮސް ފެރީގެ އިންތިޒާރުގައި އިނުމަކީ އާންމު ކަމެކެވެ. ހަސަންބެ ދެކޭ ގޮތުގައި މުސްކުޅިވި ދުވަހު މިއީ އޭނާ އަށް އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފެކެވެ.
ހުޅުމާލެ ފެރީ ދަތުރު ނިޒާމް މިއަދު ވެސް ހިނގަމުން ދަނީ މީގެ 10 އަހަރު ކުރީން ވެސް އެ ނިޒާމް ހިނގަމުން ދިޔަ ފެންވަރުގައި ކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ. އެމީހުން ދެކޭ ގޮތުގައި ބަދަލުވީ ޓިކެޓު ވިއްކާ ކައުންޓަރު ހުންނަ ތަނެވެ. ހުޅުމާލޭގެ އާބާދީ ތޮއްޖެހިފައިވާ އިރު އެކަށީގެންވާ ފެންވަރުގެ ފެރީގެ ނިޒާމެއް ގާއިމުވެފައި ނެތީތީ އެކަމުގެ އުނދަގޫ އެތައް ބަޔަކަށް ކުރެ އެވެ. ކިތަންމެ އަވަހަށް ދާން ބޭނުންވާ މީހާ ވެސް ފުރަތަމަ ބޮނޑިވާން ޖެހެނީ ޓިކެޓް ކައުންޓަރު ކައިރި އަށެވެ. ތިން ކައުންޓަރު ހުންނައިރު ކިތަންމެ މީހުން ގިނަވިއަސް އެއް ކައުންޓަރުން ޓިކެޓް ވިއްކުމަކީ ވެސް އާދަ އެކެވެ. އަނެއް ދެ ކައުންޓަރުގައި ކުދިން ތިބޭނީ ފައިސާ ގުނާށެވެ. ނޫނީ އެހެން ކަމެއްގަ އެވެ.
ހެނދުނު އޮފީސްތަކަށް ދާން ބޭނުންވާ ވަޒީފާ އަދާކުރާ މީހުންގެ މިޝަކުވާ ވަނީ ބޮޑުވެފަ އެވެ. ޓިކެޓް ގަންނަ މީހުން ކައުންޓަރު ކައިރިއަށް ތޮއްޖެހޭ ވަގުތު ވެސް ދެ ކައުންޓަރު ބަންދުކޮށް، އެއް ކައުންޓަރުން ޓިކެޓް ވިއްކަމުން ދިއުމުގެ ސަބަބުން ކިޔުގައި އިތުރު ވަގުތުތަކެއް ހޭދަކުރަން ޖެހެ އެވެ. ހަމަ އެހެންމެ ކިއުގައި މަޑުކުރަން ޖެހުމުގެ ސަބަބުން އެމީހަކު އަރަންބޭނުންވާ ފެރީއަށް ލައްވައިނުލާތަން ވެސް އަންނަނީ މަދުފަހަރަކު ނޫނެވެ.
"އެތިބެނީ ތިން ކައުންޓަރު ހުންނަ އިރު ވެސް އެންމެ ކައުންޓަރަކުން ޓިކެޓް ވިއްކަ ވިއްކާ. ބާކީ ހުރި ކައުންޓަރުތަކުގައި ވެސް ޓިކެޓް ވިއްކާނަމަ ގައިމު ތޮއްޖެހޭ ވަރު ކުޑަވާނެކަންނޭނގެ. ނޫނީ އިތުރު ކައުންޓަރުތަކެއް ހަދާ ނަމަ ކިހާ ފަސޭހަ ވާނެ،" ހުޅުމާލެ ޓާމިނަލަށް އައިސް ހުރި ސަރުކާރު އޮހީގެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުންޏެވެ.
ޓާމިނަލް ތެރޭގައި ތޮއްޖެހިގެން އިނދެފައި ފެރީ އަށް އެރުމަށް ހިނގައި ގަންނަނީ ހަމަ އެކަނި ޅަ ޒުވާނުން ކަމަށް ނުވާ އިރު އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނަށް އޭގެ އުނދަގޫ ވެސް އިންތިހާއަށް ފޯރަ އެވެ. ފެރީގެ ބާރު ބޮޑުވެފައި އޮންނަ ވަގުތު އެންމެނަށް ބަލައި ނުލެވޭ ފަހަރު ވެސް އާދެ އެވެ. ފިތިބާރު ވެގެން ފެރީއަށް އެރުމުން ހިތްހަމައެއް ނުޖެހެ އެވެ.
ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން މިދެންނެވި ގިތިފިތި ބާރުވެފައިވާ މީހުންތަކުގެ ތެރެއިން ފުރޭނިގެން ފެރީއަކަށް އަރާން އުޅޭނޭ ހާލު ތިޔަބޭފުޅުން ހިތަށް ގެންނަވާށެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަފުތާގެ ރަސްމީ ދުވަސްތަކުގެ ހެނދުނު އަދި ހަވީރު ގަޑީގައި ފެރީއަކުން ހުުޅުމާލެ އަށް ނުވަތަ މާލެއިން ހުޅުމާލެ އަށް ދަތުރު ކުރާ ނަމަ އެ ދަތުރެއްގެ ޖުމުލަ ދިގުމިން މަދުވެގެން ގަޑިއެއްހާ އިރަށްވުރެ މަދެން ނުވާނެ އެވެ. ފެރީ ޓާމިނަލަށްދާ އިރު ތިމާ އަށް ލައްވައިލާ ޓިކެޓުގެ ކުރިޔަށް ތިން ހަތަރު ފެރީގެ ޓިކެޓު އޮންނާނީ ވިއްކައި ނިމިފަ އެވެ.
ފެރީގައި ތިބެން ޖެހެނީ އެކަކު އަނެކަކާ ފިތިބާރު ވެގެންނެވެ. ކިތަންމެ ހުދު އެއްޗެއް ލައިގެން އޮފީހަށް ދާން އަންނަ މީހާ ވެސް ގަމީސް ކަޅުކޮށްގެން ނޫނީ މާލެ އަކަށް ނުދެވޭނެ އެވެ. ނޫނީ އެމީހަކު ދާހިއްލައި ފޯވެގެން ނޫނީ ފެރީން ފޭބުމަކީ ވާނޭ ކަމެއް ނޫނެވެ.
ފެރީއަށް މީހުން އަރުވަން ޖެހޭ އަދަދަށް ވުރެ އިތުރަށް މީހުން އަރުވައިގެން ވެސް ބައެއް ފަހަރު ދަތުރުކުރާ ކަމަށް މީހުން ބުނެ އެވެ. ދަތުރުކުރާ މީހުންނާ އެއްވަރަށް ފެރީ ދަތުރުތައް ނުކުރެވުނަސް މީހުން ކޮޅަށް ބައިތިއްބައިގެން ދަތުރު ކުރުމަކީ ބައެއް މީހުން އެކަމާ ދެކޮޅުހަދާ ކަމެކެވެ. އެއީ ފެރީ ދަތުރު ކުރުމުގައި މަނާ ކަމެއް ނަމަވެސް އެކަމަކީ މިހާރު އާދަވެފައިވާ ކަމެއްކަމަށްވެ އެވެ.
އެމްޓީސީސީ އިން ދެމުންދާ ފެރީ ހިދުމަތާ ބެހޭ ގޮތުން ޝަކުވާތައް ބޮޑުވެފައިވާ އިރު އެކަމުގައި ހައްލެއް އަންނަތަން ނުފެންނަ ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބުނެ އެވެ.
އެމްޓީސީސީ ޓާރާންސްޕޯޓް ޑިޕާޓްމަންޓްގެ ހެޑް އުސްމާން ހާފިޒް ވިދާޅުވީ ފެރީދަތުރުތައް ތޮއްނުޖެހި ކުރެވޭނޭގޮތް އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްޓީސީސީ ވަނީ އިތުރު ފެރީތަކެއް ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުއްޔަށް ފެރީއެއް ދިނުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"ތިޔަ ބޭފުޅުން ވެސް ހަމަ ތައްޔާރުވެވަޑައިގެން ޓާމިނަލަށް ވަޑައިގަންނަވާ، ކުރިއަށް ވަގުތު ލައްވާފައި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު ވެސް 11 ފެރީ ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރުކުރަން އޮންނަ ކަމަށާއި މީހުންނަށް ދަތިނުވާނެ ވަރަށް ފެރީތައް ދަތުރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދުވަސްކޮޅު ފެރީތައް ބާރު ބޮޑުވެފައި ވަނީ ސްކޫލް ބަންދު ދުވަސްވަރު ވީމާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ސްކޫލް ބަންދު ދުވަސް ވަރާ ހުކުރު ދުވަސްތައް ފެރީތައް ބާރު ބޮޑުވެ ޓާމިނަލުން ބޭރުގައި ކިޔު ހަދަން ޖެހޭވަރު ވާންޖެހޭތޯ ޓާމިނަލްގައި ތިބޭ މީހުން ސުވާލުކުރެ އެވެ. ސްކޫލް ބަންދުވުމަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމުން ޓާމިނަލްގައި ތާށިވާން ޖެހޭ ސަބަބެއް ކަމަށް އެމީހުން ނުދެކެވެ.
ހުޅުމާލެ ފެރީގެ ހިދުމަތް މިހާރަށް ވުރެ ވުރެ ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށް ފެރީ ހިދުމަތްދޭ ފަރާތުން ވެސް ގަބޫލުކޮށްގެން ނޫނީ ހިދުމަތް ރަނގަޅެއް ނުކުރެވޭނެ އެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކު ކުރާ ޝަކުވާތައް އަޑު އަހަން ޖެހޭ ކަމަށް ފެރީގައި ދަތުރުކުރާ ފަރާތްތަކުން ބުނެ އެވެ. މާލޭގެ އަވަށެކޭ ބުނެ ލަންކާ ނުވަތަ އިންޑިއާ އަށް ފްްލައިޓަކުން ދާން ނަގާ ވަގުތު ހުޅުމާލޭ ފެރީގައި ހޭދަ ކުރާން ޖެހޭ ނަމަ އެއީ ދެން ހަގީގަތުގައި ވެސް ބޮޑު މައްސަލަ އެކެވެ.