09 Jun 2014, 10:00
ފީފާ ވޯލްޑް ކަޕް ފެށުމުގެ ކުރިން ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާހުރެ ނުކުޅެވުން އެއީ ފީފާއަށް ލިބިނު ރަނގަޅު ވޭކަޕް ކޯލެއް ކަމަށް އިކުއެޑޯގެ ޑިފެންޑަރު ވޯލްޓަރ އަޔޯވީ ބުނެފި އެވެ.
އިކުއެޑޯގެ ޑިފެންސްލައިންގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔާ ބުނެފަވަނީ، އެކި ގައުމުތަކުގެ ލީގުތައް ނިމި ވޯލްޑް ކަޕް ކަހަލަ މުބާރާތެއް ފެށުމާ ހަމައަށް ރަނގަޅު ބްރޭކެއް ލިބެން ޖެހޭ ކަމަށެވެ.
"ގިނަ ކުޅުންތެރިންނަށް ނުކުޅެވުން އެއީ ހަގީގަތުގައި ވެސް ފީފާއަށް ލިބުނު ރަގަޅު ވޭކަޕް ކޯލްއެއް،" އެލް ޔުނިވާސޯއަށް ދިން އިންޓަވިއުގައި އަޔޯވީ ބުންޏެވެ. " ކުޅުންތެރިންނަށް ރަނގަޅު ރެސްޓެއް އެބަ ބޭނުންވޭ. 10 ދުވަހަކީ ކުޅުންތެރިޔަކަށް ރެސްޓެއްގެ ގޮތުގަ އެކަށީގެންވާ ވަގުތެއް ނޫން."
ޖަރުމަނުގެ ރުއެސް، ފްރާންސްގެ ރިބެރީ، ކޮލަންބިޔާގެ ފަލްކާއޯ، އިޓަލީގެ މޮންޓެލީވޯ، ބެލްޖިއަމްގެ ބެންޓޭކެ، ސްޕެއިންގެ ވަލެޑްސް އަދި ތިއާގޯ އަކީ މިފަހަރު އަނިޔާގެ ސަބަަަބުން ވޯލްޑްކަޕުން ފެނިގެން ނުދާނެ ކުޅުންތެރިންގެ ތޭރޭގަ ހިމެނޭ މަޝްހޫރު ކުޅުންތެރިންނެވެ.
އިކުއިޑޯއަށް ވެސް ވަނީ އަނިޔާގެ ހިޔަނި އެޅިފައެވެ. އެގޮތުން ސިގްނޯ ކްޓްސީލޯ އާއީ ކްރިސްޓަން ނޮބޮއާގެ ފިޓްނަސް ލެވެލްއާ ދޭތެރޭގައި ޓީމުގެ ކޯޗިން ސްޓާފުން ވަނީ ސުވާލު އުފައްދައިފައެވެ. އެހެން ނަމަވެސް މި ދެ ކުޅުންތެރިން ވެސް ވޯލްޑްކަޕް ފެށެންވާއިރަށް ފިޓްވާނެ ކަމަށް ބެލެވެ އެވެ.
ވޯލްޑް ކަޕްގައި އިކުއެޑޯ ހިމެނެނީ ގުރޫޕް އީ ގަ އެވެ. މި ގްރޫޕްގައި ހިމެނޭ އަނެއް ތިން ޓީމަކީ ހޮންޑިއުރަސްއާއި ފްރާންސްގެ އިތުރުން ސްވިޒަލެންޑް އެވެ.