ނިއުދިއްލީ (ޖޫން 9) : ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އިންޑިޔާ އަށް ވަޑައިގެން އިންޑިޔާގެޚާރިޖީ ވަޒީރާ ޝުޝްމާ ސްވަރާޖް އާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ވާންގްޔީ ވިދާޅުވީ އޭނާގެ ދަތުރުފުޅުގެ މަގްސަދަކީ ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުން ކަމުގަ އެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމް ކުރުމާބެހޭ ގޮތުން އިންޑިޔާގެ އިސް މަސްއޫލުވެރިންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާ މިއީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ޚާއްސަ ދަތުރުފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާންގްޔީ އަކީ އިންޑިޔާގެ ބޮޑުވަޒީރުކަމާ ބީޖޭޕީގެ ޒައީމް ނަރަންދުރަ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާ އަށް ޒިޔާރަތް ކުރައްވާ ޗައިނާގެ ފުރަތަމަ މަސްއޫލުވެރިޔާ އެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސައްޔިދު އަކްބަރުއްދީން ވިދާޅުވީ ޗައިނާގެ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅަކީ އިންޑިޔާގެ އައު ލީޑަޝިޕަށް ތަޢާރަފްވެ ދެގައުމުގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވާހަކަ ދައްކާލުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އޭނާގެ މިދަތުރުފުޅަށް އިންޑިޔާގެ އައު ސަރުކާރުން ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ކަމުގަ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު، މިއަދުގެ ވަގުތެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރެއްވާނެ އެވެ. އަދި އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީގެ އަރިހަށް އޭނާ އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު އިންޑިޔާގެ ބޮޑުވަޒީރު ކަމާ މޯދީ ހަވާލުވެ ވަޑައިގަތުމާ އެކު އޭނާ ވަނީ އިންޑިޔާ އަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު ޗައިނާގެ ރައީސް ޝީޖިންގް ޕިންގް އަށް އަރުވާފަ އެވެ. ޝީޖިންގް ޕިންގް، މޯދީގެ މިދައުވަތު ގަބޫލުކުރެއްވި ކަމަށް ޗައިނާގެ ޚާރިޖި ވުޒާރާއިން ބުނެ އެވެ.

ޗައިނާ އާއި އިންޑިޔާއަކީ އޭޝިޔާގެ ޢަސްކަރީ އެންމެ ބޮޑު ދެބާރެވެ. އަވަށްޓެރި މިދެގައުމުގެ ދެމެދުގައި 1962 ވަނަ އަހަރު، ސަރަހައްދީ އިމުގެ މައްސަލާގައި ކުރު ހަނގުރާމައެއް ހިނގާފައިވެ އެވެ.

ހިމާލިޔާ ސަރަހައްދުގައި ހަތަރު ހަފްތާގެ މުއްދަތަށް ހިނގައި ދިޔަ އެހަނގުރާމައިގާ ޗައިނާ ސިފައިންގެ އަތްދަށުން އިންޑިޔާ ސިފައިން ވަރަށް ބޮޑަށް ބަލިވެގެން ގޮސްފައިވެ އެވެ. އެހަނގުރާމައިގާ އިންޑިޔާ ސިފައިން ބަލިވެ ސަރަހައްދީ ރޮނގު ދޫކޮށް އިންޑިޔާ ގެ ލަޝްކަރުތައް ފަހަތަށް ޖެހުމާ އެކު ޗައިނާ ސިފައިން ވަނީ އިންޑިޔާ ސިފައިން ބަލިކޮށް އާސާމް ސްޓޭޓްގެ ދެބައިކުޅައެއް ބަޔަށްވުރެ ވެސް ބޮޑަށް އިންޑިޔާ ތެރެއަށް ވަދެ އިންޑިޔާގެ ބޮޑު ސަރަހައްދެއް ހިފާފަ އެވެ. ނަމަވެސް ޗައިނާގެ ލަޝްކަރުތައް ފަހުން ވަނީ އާސާމުން ފައިބާ ދެގައުމުގެ ސަރަހައްދީ ރޮނގާ ހަމައަށް ގޮސްފަ އެވެ.
އިންޑިޔާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްގެ ބޮޑުބައެއް އެއީ ޗައިނާގެ ސަރަހައްދުގެ ބައެއްކަމަށާ އެސަރަހައްދު ހޯދުމަށް ޗައިނާ މިހާރު ވެސް ދައުވާ ކުރެ އެވެ.(ނޫސްއެޖެންސީތައް)