ކ. މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފިރިމީހާ އަށް މަސްތުވާތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އަނބިމީހާ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިއްޔެ 11:45ގައި 26 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ މާލެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަންހެން މީހާ ބަލައި ފާސްކުރި އިރު އެ އަންހެން މީހާގެ ފުރަގަސް ފަރާތުގައި ރައްކާކޮށްފައި ވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ އަންހެންމީހާއަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރުމުންދާ އޭނާގެ ފިރިމީހާ އާއި ބައްދަލުކުރުމަށް، އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށް ދިޔަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ދާދިފަހުން ވަނީ މާލޭ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހަކު ވެސް ހައްޔަރުކޮށްފަ އެވެ.