ކަރާޗީ (ޖޫން 9) : ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ މުހައްމަދު އަލީ ޖިނާޙް އިންޓަނޭޝަނަލް އެއަރޕޯޓަށް، ހަތިޔާރުއެޅި ބަޔަކު ރޭ ދިން ހަމަލާތަކުގައި 11 މީހުން މަރުވިކަން އެގައުމުން ހާމަކޮށްފި އެވެ.

ޕާކިސްތާން ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ މަރުވި 11 މީހުންގެ ތެރެއިން 10 މީހުންނަކީ ޖިނާހް އެއަޕޯޓަށް ހަމަލާދިން ހަނގުރާމަވެރިންނެވެ. މިހާދިސާގައި11 މީހުން މަރުވުމުގެ އިތުރުން އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ސިފައިންގެ ތަރްޖަމާން ވިދާޅުވި އެވެ. މަރުވި މީހުންގެ ތެރެއިން އެކަކީ ޕާކިސްތާނުގެ އެއަރޕޯޓް ސެކިއުރިޓީ ފޯސް (އޭއެސްއެފް) އަށް ނިސްބަތްވާ ގާޑެއް ކަމަށް ވެސް ސިފައިންގެ ތަރްޖަމާން ވިދާޅުވި އެވެ.

ހަތިޔާރު އަޅައިގެންތިބި ދިހަވަރަކަށް މީހުން ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއަރޕޯޓްގެ ބާ ޓާމިނަލްއަށް ރޭ ހަމަލާދީފައި ވަނީ ބަޑިއާއި އަތުބޮމުންނެވެ. ހަތިޔާރު އެޅި މީހުން ކޮންޓްރޯލްކޮށް އެމީހުން އެއަރޕޯޓް ސަރަހައްދުން ބޭރުކުރުމަށް އެއަޕޯޓް ސެކިއުރިޓީ ފޯސްގެ ގާޑުން ނުކުޅެދުމާ އެކު ދެން އެމީހުންނާ ކުރިމަތިލާފައި ވަނީ ޕާކިސްތާން ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ މޮޅަށް ތަމްރީން ލިބިފައިވާ އަދި އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ކޮމާންޑޯސްގެ ސިފައިންނެވެ. ކޮމާންޑޯސްގެ ސިފައިން ވަނީ ދެތިން ގަޑީއިރު ތެރޭގައި ހަތިޔާރުއެޅި އެންމެން މަރާލައި އެމީހުންގެ ނުރައްކަލުން ޖިނާހް އެއަރޕޯޓް ސަލާމަތްކޮށްފަ އެވެ.

ޕާކިސްތާނުގެ އަމަނާބެހޭ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނާގޮތުން ހަތިޔާރުއެޅި މީހުން ކަރާޗީ އެއަރޕޯޓް ސަރަހައްދަށް ވެދެގެންފައިވަނީ އެތަނުގެ ފޮއްކާ ގޭޓުންނެވެ. ހަތިޔާރުއެޅި މީހުންނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ކަރާޗީ އެއާޕޯޓްގެ ރަންވޭގައި ވެސް ވަރުގަދަ އަށް ހަމަލާތައް ބަދަލުކޮށްފައިވާ އިރު ކަރާޗީ އެއަޕޯޓް އަދި ވެސްއޮތީ ބަންދުކޮށްފަ އެވެ. އެ އެއާޕޯޓަށް ދާ ފްލައިޓްތަކުގެ ދަތުރުތައް ޕާކިސްތާނުގެ އެހެން އެއަރޕޯޓްތަކަށް ބަދަލުކޮށްފައިވާ އިރު އެއާޕޯޓްގައި މަޑުކޮށްފައިވާ ބައެއް މަތިންދާބޯޓުތަކަށް ވެސް އުންޑަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ. ނަމަވެސް ޕާކިސްތާން ސިފައިންވަނީ އެކަން ދޮގުކޮށްފަ އެވެ. ޕާކިސްތާން ސިފައިންގެ ތަރްޖަމާން ވިދާޅުވީ ޖިނާހް އެއަރޕޯޓްގައިވާ މަތިންދާބޯޓުތައް ހަލާކުކޮށްލުމަށް ޓެރަރިސްޓުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެއްވެސް ބޯޓަކަށް ގެއްލުން ލިބިފައިނުވާ ކަމުގަ އެވެ. ނަމަވެސް އެއާޕޯޓްގެ ތެލާބެހޭ ފެސިލިޓީސް ތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސިފައިންގެ ތަރްޖަމާން ވިދާޅުވި އެވެ.

ކަރާޗީގެ ޖިނާހް އެއަރޕޯޓަށް ރޭ ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ. ޕާކިސްތާނަކީ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް ގިނަ ގައުމެކެވެ. މީގެތެރެއިން ގިނަ ޖަމާއަތްތަކަކީ އިސްލާމް ދީނުގެ ނަމުގައި ނޫނީ އިސްލާމީ ޝަރީޢަތް ގާއިމް ކުރުމަށް މަސައްކަތްކުރުންފަދަ މާތް ނަންނަމުގައި އިސްލާމްދީނާ މުޅިން ޚިލާފު އަދި އެދީނުގައި މުޅިން ހަރާމް ކުރައްވާފައިވާ ހައްދުފަހަނަޅާފައިވާ ހަރުކަށި އަމަލުތައް ހިންގައި ކުށެއްނެތް މީހުން މަރަމުންގެންދާ ޖަމާއަތްތަކެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި އެންމެ ފުޅާދާއިރާއެއްގައި އެ ގައުމުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދަނީ ތާލިބާން ޖަމާއަތުންނެވެ. ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން 2011 ވަނަ އަހަރު އެގައުމުގެ މެހްރާން އަސްކަރީ ބޭހަށް ދިން މިފަދަ ހަމަލާތަކެއްގައި 11 މީހުން މަރާލައި ޕާކިސްތާން ސިފައިންގެ އަސްކަރީ ދެ މަތިންދާބޯޓު ހަލާކުކޮށްލާފައިވެ އެވެ. (ނޫސްއެޖެންސީތައް)