އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި މިރޭ ފޮލިސް ކްލަބާއި ވާދަކޮށް، އެންމެ ފަހު ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިރޭ 9:00 ގައި މި މުބާރާތް ފެށީ ލައިފް ބޯއީ ޓާފް ދަނޑުގައި އޮތް ހާއްސަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާޕާސަން އަދި ނިޝާން އިއްޒުއްދީންގެ ވެރިޔާ އަނީސާ އަހުމަދެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ސަންގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން: ފުލުހުންގެ މައްޗަށް ސަން ކުރި ހޯދީ ހަތަރު ލަނޑުގެ ލީޑަކާއެކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ


ޕޮލިސް ކްލަބާއި ވާދަކޮށް، ސަން ޓީމު މިރޭގެ މެޗު ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗު ކާމިޔާބު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ސަން އެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ސަން އަށް ލީޑު ނަގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ.

މެޗުގެ ފުރަތަމަ ދެ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ސަންއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އައިޝަތު މާހިން (ކޮކީ) އެވެ. މި ލަނޑު ކޮކީ ކާމިޔާބުކުރީ ސަން އަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސަން ޓީމަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ޕާކިސްތާނު ގައުމީ ޓީމުގެ ކުޅުންތެރިޔާ ހަޖްރާ ހާން އެވެ. ޕޮލިސް ކްލަބުގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަޖްރާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕޮލިސް ކްލަބުގެ ގޯލުގެ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސަން ޓީމު ކުރީގައި އޮވެގެންނެވެ.

ރާއްޖެ އަށް ފުޓްބޯޅައިން ހަމައެކަނި ރަން މެޑެލްއެއް ހޯދައިދިން ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ސަން ޓީމުގެ ކުޅުމަށް ދެ ވަނަ ހާފުގައި ވެސް އިތުރު ބަދަލެއް އައިސްފައެއް ނުވެ އެވެ. ފަހު ހާފުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނީ ޕްރެސް ކޮށް، އެޓޭކް ކޮށްގެން ކުޅުނު ތަނެވެ.
ފުލުހުންގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ/ ފަޔާޒު މޫސާ


ސަން ޓީމުން މިރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ސްކޫލް ދަރިވަރެއް ކަމަށްވާ ފާތިމަތު ޝައިލާން އަފްޒަލާއި އައިމިނަތު ޝާމިލާ އާއި ސްރީ ލަންކާގެ ކުޅުންތެރިޔާ ހަޝިނީ މަދުޝަނީ އަރިޔަތުނާ އަދި ފުރަތަމަ ހާފުގައި ލަނޑު ޖެހި ދެ ކުޅުންތެރިން ކަމަށްވާ ހަޖްރާ އާއި ކޮކީގެ ހިމެނެ އެވެ.

މެޗުގެ ފަހު ހާފުގައި ސަން ޓީމުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އައިމިނަތު ޝާމިލާ އެވެ. މި މެޗުގައި ޕޮލިސް ކްލަބަށް ހުއްޓުވަން އެންމެ އުނދަގޫވި ކުޅުންތެރިއަކީ ވެސް ޝާމިލާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-0 އިން ސަން ކުރީގައި އޮވެގެންނެވެ.

ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި އަންނަ ބުދަ ދުވަހު ރޭ 9:15 ގައި ސަން ޓީމު ދެން ނުކުންނަން ޖެހޭނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ދެކޮޅަށެވެ.

މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެ އެވެ. މާދަމާ ރޭ 9:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެމްއެންޑީއެފެވެ.