އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ކަޅުބާޒާރުގައި ވިއްކަން އުޅުނު ބަޔަކު ރިއޯ ޑި ޖެނެއިރޯގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ރިއޯގެ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ރިއޯގެ ނޫސްތަކުގައި ބުނެފައި ވަނީ، ކަޅުބާޒާރުގައި ޓިކެޓް ވިއްކަން އުޅުން އަށް މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗް ކުޅޭ އެސްޓާޑިއޯ މަރަކާނާ ސްޓޭޑިއަމް ސަރަހައްދުން ކަމަށާއި އެއީ އެސްޓޭޑިއަމްގައި މަސައްކަތް ކުރާ ބައެއް ކަމަށް ރިއޯގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ރިއޯގެ ފުލުހުންގެ ތަރުޖަމާން ވިދާޅުވެފައި ވަނީ އެމީހުން އަތުން އަތުލެވުނު ޓިކެޓް ތަކަކީ ގްރޫޕް އީ ފަޅިން ވާދަކުރާ ފްރާންސް ކުޅޭ މެޗުތަކުގެ ޓިކެޓާއި ގްރޫޕް އެފް ފަޅިން ވާދަކުރާ އާޖެންޓީނާ ބައްދަލުކުރާ މެޗުތަކުގެ ޓިކެޓާއި ގްރޫޕް އެޗް ފަޅިން ވާދަކުރާ ރަޝިއާ ޓީމް ކުޅޭ މެޗުތަކުގެ ޓިކެޓް ތަކެއް ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އެ މީހުން ވިއްކަން އުޅެފައި ވަނީ މުބާރާތުގައި ބްރެޒިލް ކުޅޭ މެޗްތަކުގެ ޓިކެޓް ނޫން ކަމަށެވެ.


ވޯލްޑް ކަޕް ފެށެން އެންމެ ތިން ދުވަހަށް ވެފައި ވާއިރު، މުބާރާތުގެ ޓިކެޓް ކަޅު ބާޒާރުގައި 50000 ޑޮލަރަށް އަރާފައިވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަޅުބާޒާރުގައި ޓިކެޓު ވިއްކުން އާންމުވެފައިވާއިރު، ސައްޚަ ނޫން ވަގު ޓިކެޓު ވިއްކުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ބްރެޒިލްގެ ސަރުކާރާއި ފީފާއާއި ގުޅިގެން ސައްޚަ ނޫން ވަގު ޓިކެޓް ވިއްކަން މަސައްކަތް ކުރާ މީހުން ހޯދުމަށް ހާއްސަ ކޮމެޓީތަކެއް އެކުލަވާލައިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފީފާއިން ބުނެފައި ވަނީ މިފަހަރުގެ ވޯލްޑްކަޕަށް ތިން މިލިއަނަށް ވުރެ ގިނަ ޓިކެޓް ވިއްކާފައިވާ ކަމަށާއި ކޮންމެ ޓިކެޓެއްގައި، ޓިކެޓު ގަތް މީހާގެ ނަމާއެކު ހާއްސަ ނިޝާނެއް ނުވަތަ ކޯޑެއް ޖަހާފައިވާނެ ކަމަށެވެ.

މުބާރާތް ހުޅުވުމަށް ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗުގައި ކްރޮއޭޝިޔާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 1:00ގަ އެވެ. ބްރެޒިލްއާ ކްރޮއޭޝިއާގެ އިތުރުން ގްރޫޕް އޭގައި ދެން އޮތީ މެކްސިކޯ އާއި ކެމަރޫން އެވެ.