ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބޭއްވި ތާޒާ ހުސް ފުޅި އެއްކުރުމުގެ ހަރަކާތެއްގައި 30،000 ތާޒާ ހުސްފުޅި އެއްކޮށްފި އެވެ.

ހަރަކާތާއި ގުޅޭގޮތުން އައިބީއެމްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމަންޓް އެސިސްޓެންޓް މަރިޔަމް ނަޝްފާ ވިދާޅުވީ، ދެ ކުންފުނީގެ މުވައްޒަފުން މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި އިއްޔެ މެންދުރު 1:00 އިން ފެށިގެން ހަވީރު 4:30 އަށް ހިންގި އެ ހަރަކާތުން ގާތްގަނޑަކަށް 30،000 ތާޒާ ހުސްކުރި އެކި ސައިޒުގެ ފުޅި އެއްކޮށްފައިވާ ކަމަށެވެ.

"ޕްރޮގްރާމު ހިންގި އަވަށްތަކުގެ މަގުތަކުންނާއި ގެތަކުގެ އިތުރުން ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން، ގާތްގަނޑަކަށް 30،000 ތާޒާ ހުސްކުރި ފުޅި އެއްކޮށްފައިވޭ. އެއީ ގާތްގަނޑަކަށް 250 ކަޅު ކޮތަޅު،" އޭނާ ވިދާޅުވި އެވެ.

ނަޝްފާ ވިދާޅުވީ، އިޖުތިމާއީ ޒިންމާ އަދާކޮށް ކަސްޓަމަރުންނާއި މުވައްޒަފުން ގުޅިގެން ތިމާވެށި ރައްކާތެރި ކުރުމުގެ އިތުރުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ "އެކްސްޓެންޑެޑް މެނުފެކްޗަރާ ރެސްޕޮންސިބިލިޓީ"ގެ ގަވާއިދަށް އަމަލުކުރުމަށް ފަރިތަކުރުމަށް ބޭއްވި އެ ހަރަކާތުން އެއްކުރި ހުރިހާ ފުޅިއެއް ރިސައިކަލް ކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އެމްޑަބްލިއުއެސްސީ އާއި އައިބީއެމް ގުޅިގެން ވަނީ މިދިޔަ އަހަރުގެ ތިމަވެށި ދުވަހާއި ގުޅިގެން ތާޒާ ފުޅިތައް ރިސައިކަލް ކުރުމުގެ ޕްރޮގްރާމެއްވެސް ފަށާފަ އެވެ.