ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑު އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހުޅުދޫމީދޫގެ ބަނދަރު ހެދުމާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު މިއަދު ހެނދުނު އިފްތިތާޙު ކޮށްދެއްވައިފި އެވެ.


މިކަމަށްޓަކައި، މިއަދު ހެނދުނު ހުޅުދޫމީދޫގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަކީ، މި ރާއްޖޭގެ ތަރައްޤީ އަށް މިހާރުން މިހާރަށް ބޭނުންވާ އެންމެ މުހިންމު އެއްކަންތައް ކަމަށް ސަރުކާރުން ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވި އެވެ. ސަރުކާރުގެ ވަޢުދުތަކާއި ސަރުކާރުގެ ސިޔާސަތު އެކަށައަޅުއްވާފައި ވަނީ، ރާއްޖޭގެ ވަރަށް ރަށްރަށަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންނާ އެކު ކުރެވިފައިވާ ބަޙުޘްތަކާއި މަޝްވަރާތަކުން ފާހަގަކުރެއްވިފައިވާ ކަންކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ވަޢުދުތަކާއި އެ ވަޢުދުތަކާއި ގުޅިފައިވާ ތަރައްޤީގެ ސިޔާސަތު ސަރުކާރަށް ޙާޞިލް ކުރެއްވެމުންދާ މިންވަރާއި އަދި ޚާއްޞަ ގޮތެއްގައި ހުޅުދޫމީދޫގައި މި ވަޢުދުތައް ފުއްދެވުމުގައި ސަރުކާރަށް ހޯއްދެވިފައިވާ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.


ރާއްޖޭގައި އިންސާނީ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ޕްރޮގްރާމް ކަމުގައިވާ ޤާނޫނު ކިޔަވައިދޭ މަރުކަޒް ޤާއިމް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫގައި ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ މިހާރު ފާސްވެފައިވާ މި އަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށާއި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


އައްޑު އަތޮޅު ހިތަދޫގައި ރޭ ބޭއްވެވި ބަޖެޓާ ބެހޭ މަސައްކަތު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ބަޖެޓުގެ ޕްރޮގްރާމްތައް ތަންފީޒު ކުރެއްވުމާގުޅޭ ގޮތުން މަޢްލޫމާތު ދެއްވައި، ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.