08 Jun 2014, 22:51
ރެކޯޑް މިންވަރަކަށް ކޮންމެ ރޯދަމަހެއްގައި ވެސް މޭވާޔާއި ތަރުކާރީ އުފައްދާ އއ. ތޮއްޑޫގައި ވާލުގެ އުނދަގޫ ބޮޑުވުމުން އެމްއެންޑީއެފުން ބަޑި ޖަހައި އެ ރަށުގައި 300 އަށް ވުރެ ގިނަ ވާ މިއަދު މަރާލައިފި އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް "ސަން"އަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ވާލު މެރުމަށް ނިންމީ ތޮއްޑޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށް ވެފައި، އާދަޔާ ހިލާފަށް ވާ ގިނަވުމުގެ ސަބަބުން އެކަމުގެ އުނދަގޫ ދަނޑުވެރިންނަށް ލިބެމުން ދާތީ ކަމަށެވެ.
"މިރަށަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށް ވެފައި ވާލު މިވަނީ އާދަޔާ ހިލާފަށް ގިނަ ވެފައި. އެކަމުގެ އުނދަގޫ މިރަށުގެ ގިނަ ދަނޑުވެރިން ތަކަކަށް ދަނީ ކުރިމަތި ވަމުން. އެހެންވެ ކައުންސިލުން އިސްނަގައިގެން އެމްއެންޑީއެފް އާއި އެކު މި ޕްރޮގްރާމް ކުރިޔަށްގެންދަން ނިންމީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް 300 އަށް ވުރެ ގިނަ ވާ މަރާލާފައި ވަނީ އެ ރަށުގައި މިހާރު ހަރަކާތްތެރިވާ ސިފައިންގެ ނުވަ މީހަކު ވެގެން ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ހުސައިން އަލީ ވިދާޅުވީ ރަށްރަށުގައި ވާލު މެރުމުގެ ހަރަކާތްތަކަކީ އޮންނަ ވަކި އުސޫލެއްގެ ދަށުން ކުރާ ކަމެއް ކަމަށެވެ. އެކަން ކުރިއަށް ގެންދަނީ ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ހުސައިން އަލީ ވިދާޅުވި އެވެ.