08 Jun 2014, 22:31
ޖުމްހޫރީ ޕާޓީގެ ސުލޮޓެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ މަގާމަށް ކާމިނީޕޫލް އަބްދުއްޝުކޫރު އައްޔަން ކުރައްވައިފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވިކަން ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހެޅީ އިއްޔެ އެވެ.
ޝުކޫރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2004 ވަނަ އަހަރުން ފެށީގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޗެއާމަންކަން ހަތަރު އަހަރު އޭނާ ކުރައްވާފައިވާ ބޭފުޅެކެވެ.