އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވިހަން ގެންގޮސް ކިއުގައި އިންދައި މާބަނޑު އަންހެނަކު ވިހޭ ކަމަށް ދެކެވޭ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު މިރޭ ސަން އަށް ވިދާޅުވީ، މިއަދު މެންދުރު ފަހު 3:30 އެހާކަންހާއިރު އެ ހޮސްޕިޓަލަށް ވިހަން ގެންދިޔަ މާބަނޑު އަންހެނަކު ކިއުގައި އިންދައި ވިހޭ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ ދޮގުވާހަކަތަކެއް ކަމަށެވެ.

ހަބީބު ވިދާޅުވީ އެ އަންހެން މީހާ އަކީ މިއަދު ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދިޔަ މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް "ކިރިޔާ ނުވިހައި ހުރި" ކަމަށެވެ. އެ މާބަނޑު މީހާ ހޮސްޕިޓަލަށް ގެނެސްފައި ވަނީ 3:30ގައި ކަމަށާއި އެމަޖެންސީގައި އޭނާ ވިހެއުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހުނީ ލޭބާ ރޫމަށް ވައްދާނެ ވަގުތު ނެތުމުން ކަމަށް ހަބީބު ވިދާޅުވި އެވެ.

"އެމީހާ ހޮސްޕިޓަލަށް ގެނައީ 3:30ގައި. އެއިރު ވެސް ކިރިޔާ ނުވިހާ ހުރީ. ދެން ނަރުހުންގެ މެޑިކަލް ޓީމަކާއި ޑޮކްޓަރުން ވެގެން އަވަހަށް އޭނާ އެމަޖެންސީ ރޫމަށް ވައްދައިގެން ވިހެއުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ. އެއީ ލޭބާ ރޫމަށް ވައްދަން އުޅެގެން މާ ލަސްވެދާނެތީ ދަރިފުޅާއި މައި މީހާ ސަލާމަތް ކުރުން މުހިންމު ވާނީ އެމަޖެންސީ ރޫމްގައި ވިއްސައިގެން [ކަމަށްވާތީ]،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަޖެންސީ ރޫމްގައި ވިއްސާފައިވާ ކަމަށެވެ.

"އޭނާ ހޮސްޕިޓަލަށް އައުމާއި ވިހެއުމާ ދެމެދު ލިބުނީ އެންމެ ހަތަރު މިނެޓް. އޭނާ އެގަޑީ މިއޮއް ވިހެއީ ކަމަށް ގޮވި. އެއީ ކިރިޔާ ނުވިހައި އޮތް މީހަކު ގޮވާނެނޫންތޯ އެހެން. ނަމަވެސް އޭނާ ލޭބާރޫމަށް ވައްދާނެ ވަގުތު ނެތުމުން އެމަޖެންސީ ރޫމަށް ވެއްދީ." ހަބީބު ވިދާޅުވި އެވެ.

އެމަޖެންސީ ރޫމަށް ވައްދައިގެން ވިއްސުމުން އެކަމާ ގުޅިގެން އެ އަންހެން މީހާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ދަރިފުޅާއި މައި މީހާގެ ހާލު ރަނގަޅުކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.