08 Jun 2014, 20:03
ގދ. ކާޑެއްދޫ އެއާޕޯޓުން ފުރައިގެން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް މިއަދު ހަވީރު ޖެއްސި މޯލްޑިވިއަން ފްލައިޓެއްގެ ފުރޮޅުތަކެއް ފަޅައިގެން ހިނގައްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ފްލައިޓުގެ ތިން ފުރޮޅު ފަޅައިގެ ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތިން ފުރިޅު ފަޅައިގެން ދިޔުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ބޯޓަށް ލިބިފައިނުވާ ކަމަށާއި އަދި ބޯޑުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެ ހާދިސާގެ ސަބަބުން 30 ވަރަކަށް މިނެޓުވަންދެން އެއާޕޯޓުގެ ރަންވޭ ބަންދު ކުރަންޖެހުނު ކަމަށާއި އެވަގުތު އެއާޕޯޓަށް ތެޔޮއަޅަން އައި ރާއްޖެއިން ބޭރުގެ ފްލައިޓެއް ވެސް އަނބުރާ ފޮނުވާލަން ޖެހުނު ކަމަށެވެ.
"30 ވަރަކަށް މިނެޓު ވަންދެން ރަންވޭ ބަންދުކުރަން ޖެހުނީ. އެ ވަގުތު އައި ރާއްޖެއިން ބޭރުގެ ބޯޓެއް ވެސް ފޮނުވާލަން ޖެހުނު. ނަމަވެސް ގިނައިރުތަކެއް ނުވެ އެކަން ވަނީ ހައްލުވެފައި،" ނަޝާތު ވިދާޅުވި އެވެ.