ސަން އޮންލައިންގައި ވޯލްޑްކަޕަށް ޚާއްސަ ސޮފުހާއެއް މިއަދު ތަޢާރަފުކޮށްފި އެވެ.

ސަންގެ އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއީލް ޒާހީ ޒާހިދު (ޒާހީ) މިއަދު ވިދާޅުވީ ސަންގެ ވޯލްޑްކަޕް ޕޭޖު ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ހުންނާނީ ކިޔުންތެރީންނަށް ލޮލަށް ފަސޭހަ އަދި މައުލޫމާތުތައް ފަސޭހައިން ހޯދައިގަނެވޭނެ ފަދަ ގޮތަކަށް މި ސޮފުހާ ތައްޔާރުކުރުމަށް ކަމަށެވެ.

"ޕޭޖު ހެދުމުގައި ވަރަށް ބޮޑަށް ބަލައިފައި ހުންނާނެ ވީހާވެސް ސިމްޕަލްކޮށް، ކިޔުންތެރީންނަށް ބަލައިލަން ފަސޭހަ އަދި ބޭނުންވާ މައުލޫމާތުތައް ހޯދަން ފަސޭހަ ގޮތަކަށް ފަރުމާ ބަހައްޓަން. އެ ގޮތުން ދިވެހީންގެ ޓޭސްޓާ އެއްގޮތަށް ޕޭޖް ގެނެސްދިނުމަށް ޚާއްސަ އިސްކަމެއް ދީފައި ވާނެ." ޒާހީ ވިދާޅުވި އެވެ.

ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) ވިދާޅުވީ ސަންގެ ވޯލްޑްކަޕް ޕޭޖަކީ މި ފަދަ ބޮޑެތި ކަންތައްތަކާ ގުޅިގެން ސަން އިން ލޯންޗް ކުރަމުން އަންނަ ޚާއްސަ ސޮފުހާ ތަކުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ. އެ ގޮތުން ސަންގެ ވޯލްޑްކަޕު ޕޭޖުން މި ފަހަރުގެ ވޯލްޑްކަޕާ ގުޅޭ ގޮތުން ކިޔުންތެރީން ބޭނުންވާނެ ހުރިހާ މައުލޫމާތެއް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހިމަނާފައި ހުންނާނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.

"މި ފަދަ މުހިންމު ކޮންމެ ކަމަކާ ގުޅިގެން ވެސް އަޅުގަނޑުމެންގެ ކިޔުންތެރީންނަށް ބޭނުންވާ މައުލޫމާތުތައް އެ ކަމަށް ޚާއްސަ ސަފުހާއެއް މެދުވެރިކޮށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ފަހަރުގެ ވޯލްޑްކަޕުގެ މައުލޫމާތުތައް ވީހާވެސް އަޕްޑޭޓްކޮށް ގެނެސްދިނުމަށް ޚާއްސަ މަސައްކަތްތަކެއް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެކަމަށް ޓަކައި ޚާއްސަ ޓީމެއް ވެސް މިހާރު ވަނީ އެކުލަވައިލައިފައި،" ހިރިގާ ވިދާޅުވި އެވެ.

ސަންގެ ވޯލްޑްކަޕް ޕޭޖް މިއަދު ލޯންޗް ކުރި އިރު މި ޕޭޖުގައި ވަނީ މި ފަހަރުގެ މުބާރާތާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް ހިމަނައިފަ އެވެ. އެ ގޮތުން ޓީމު ތަކުގެ ޕްރޮފައިލް އާއި ގުރޫޕުތައް ބެހިފައިވާ ގޮތާއި މެޗުތަކުގެ ޝެޑިއުލް އަދި ސްޓޭޑިއަމްތައް ފަދަ މުހިންމު މައުލޫމާތުތައް ހިމެނެ އެވެ. މި ޕޭޖުގައި މެޗުތައް ކުޅޭ ގަޑިތައް ދީފައި ހުންނާނީ ރާއްޖޭ ގަޑީންނެވެ.

ސަންގެ ވޯލްޑްކަޕް ޕޭޖުގެ ޔޫއާރްއެލް އަކީ އެވެ.

ސަން އޮންލައިން އަކީ ސަން މީޑިއާގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އޮންލައިން ނޫހެކެވެ. ސަން މީޑިއާ ގުރޫޕުގެ ފަރާތުން ވަނީ މި ފަހަރުގެ ވޯލްޑްކަޕަށް ޚާއްސަކޮށްގެން "ސަން ވޯލްޑްކަޕް ގައިޑް 2014" ގެ ނަމުގައި މެގެޒިން އެއްވެސް ނެރެފަ އެވެ. އެ މެގެޒިން މިހާރު ބާޒާރުގައި ވިއްކަމުން އަންނަ އިރު ކޮންމެ ފޮތަކާ އެކު މުބާރާތުގެ ސްކޯ ޗާޓަކާއި މެސީ، ރޮނާލްޑޯ އަދި ނޭމާ، މީގެން ކޮންމެ ކުޅުންތެރިއެއްގެ އޭޓޫ ސައިޒްގެ ޕޯސްޓަރެއް ހިލޭ ލިބެ އެވެ.

ސަން އޮންލައިން އިން ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި، ރައްރިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕަށް ޚާއްސަ ކޮށްގެން ވެސް އޮންލައިން ސޮފުހާއެއް ލޯންޗް ކޮށްފައެވެ.