08 Jun 2014, 17:26
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލެއިން ދޫކުރާ 15 ފްލެޓްގެ އެޑްވާންސް ފައިސާ ސަރުކާރުން ދައްކައިދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ހަމަޖައްސަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ، ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން އެގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް ތަހައްމަލުކުރަން ޖެހޭ މާލީ ދަތިތަކަށް ލުއިތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"ހުޅުމާލެއިން އެކުދިންނަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 18500 ރުފިޔާ ސަރުކާރުން ދައްކައި ދެއްވާނެ. އެއީ ޖުމްލަ 277500 ރުފިޔާ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިދޭންޖެހޭ ސިއްހީ ފަރުވާއާއި ދިރިއުޅުމުގެ ހާލަތަށް ވެސް އެދެވޭ ހައްލު ހޯދައިދިނުމަށް ކަމަށެވެ.
އެގޮތުން، ވިލިމާލޭ ހޮސްޕިޓަލާއި ދަމަނަވެށީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާދޭނެ ތެރެޕިސްޓުންގެ ހިދުމަތް ލިބޭނެ ގޮތަށާއި އައިޖީއެމްއެޗުން އެފަދަ ކުދިންނަށް "ސްޕެޝަލް ސީޓިން"ގެ ހިދުމަތް ދިނުމަށް ރައީސް ޔާމީން ނިންމަވައި ސޯޝަލް ކައުންސިލުން ފާސްކުރައްވާފައިވަ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި މިހާރު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވިލިމާލެ ސިއްހީ މަރުކަޒުގައާއި ދަމަނަވެށީގައި ސްޕީޗް ތެރެޕީ އާއި ޑިވެލޮޕްމެންޓަލް ފިޒިއޮތެރަޕީގެ އިތުރުން އޮކިއުޕޭޝަނަލް ތެރެޕީ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިޖީއެމްއެޗުން ސްޕެޝަލް ސީޓިންގެ ހިދުމަތް ދިނުމަށް ވަނީ ނިންމަވާފަ،" މުއާޒް ވިދާޅުވި އެވެ.