މިދިޔަ އަހަރު މަރާލި، މއ. އައިޝާ، ހުސައިން ވަހީދަށް އަމާޒުކުރި ވަޅީގެ ދެ ވަނަ ހަމަލާއިން އޭނާ ދިފާއުކުރަން އުޅުނު މީހާއަށް ވަޅިއަކުން ހަމަލާދޭން މަސައްކަތް ކުރި ކުއްޖާގެ މައްޗަށް ޝަރީއަތް މިއަދު ފަށައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އުމުރުން 14 އަހަރުގެ އެ ކުއްޖާގެ މައްޗަށް ދައުލަތުން މިއަދު ދައުވާ އިއްވުމާ އެކު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެ ކުއްޖާ ޝަރީއަތުގައި އެދުނު ކަމަށެވެ. އަދި އެ ފުރުސަތު ގާޒީ ދެއްވާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ގޮތުން އެ ކުއްޖާ ހުސައިނަށް ހަމަލާދޭން އުޅުނީ ސައިކަލްގައި ދިޔަ ދެ ކުއްޖަކު އޭނާގެ މެޔަށް ވަޅިހަރައި ފިލުމުން، ހުސައިން ދުވެފައި ގޮސް ގެޔަށް ވަންނަން އުޅެނިކޮށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު ޣައިރު ގާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުގެ ދައުވާއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލްކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 10:00 އަށް ކަމަށެވެ.

ހުސައިންގެ މެޔަށް ވަޅި ހަރާލާފައި އޭނާ ޒަހަމްކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހާއިރު އެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ހަމަލާދިންތާ ގަޑިއެއްހާއިރު ނުވަނީސް އެވެ.

އޭނާގެ މެޔަށް ވަޅި ހެރި ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަދި އޭނާ ގޮވައިގެން ސައިކަލްގައި ދަތުރު ކުރި ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ކުދިންނަށް ވެސް މިހާރު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފައެވެ.