އެސްޓިއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބަށް ލަންކާގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ގެނެސްފި އެވެ.

ޕޮލިސް ކްލަބްގެ މެނޭޖަރު، ޕޮލިސް ސާޖަންޓް ޝަފްޒާ ޙަސަން ވިދާޅުވީ، ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބް ވަރުގަދަ ކުރުމަށް ލަންކާގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ގެނެސްފައިވާ ކަމަށެވެ.

ޝަފްޒާ ވިދާޅުވީ މި މުބާރާތަށް ޕޮލިސް ކްލަބަށް ގެނެސްފައި ވަނީ ސްރީލަންކާގެ އަންހެން ގައުމީ ޓީމްގެ ކުޅުންތެރިޔާ އަޗިނީ އާއި ސްރީލަންކާގެ 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމްގެ ކުޅުންތެރިޔާ ޕްލްނިމާ ކަމަށެވެ. އަދި މުޅި ޕޮލިސް ކްލަބްގެ ޓީމް ވަނީ މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އޮތްކަމަށް ވެސް ޝަފްޒާ ވިދާޅުވި އެވެ.

މި މުބާރާތުގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) އަށް ވެސް ވަނީ ބޭރުގެ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

އެސްޓިއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) އާއި ޕޮލިސް ކްލަބެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.