04 Jan 2011, 06:39
ބިމުގެ ބޮޑު ކުޑަމިނަށް ބަލައި ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް، ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔައްދޭ ރަށްރަށުގެ ބިމުގެ ކުލި ކަނޑައަޅާ ގޮތަށް ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު އާންމު ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓް ކޮށްފައިވާ އެ ގަވާއިދު ބެހިފައި ވަނީ ކުލިކަނޑަ އެޅޭނެ އުސޫލުތަކާއި އަދި ކުލިދައްކާނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން ކުލި ކަނޑައެޅޭނެ ގޮތްކަމަށް އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ކަނޑައަޅާނީ އެ ރަށެއް ނުވަތަ ބިމެއްގެ "މީންޓައިޑް ލައިންގެ" މައްޗަށް ބިނާކޮށް ކަނޑައެޅޭ ލޭންޑް އޭރިއާއަށް ބިނާކޮށް ކަމަށެވެ. އެ ގަވާއިދު ބުނާ ގޮތުން ލޭންޑް އޭރިއާ ކަނޑައެޅުމުގައި ބަލާނީ އެ ރަށެއްގެ ނުވަތަ އެ ބިމެއްގެ ސައިޓް ޕްލޭނަށް ކަމަށެވެ. އެރަށެއް ނުވަތަ ބިމުން ބަޔެއް ގުދުރަތީ ސަބަބަކާ ހުރެ އުނިވެއްޖެ ނަމަ ސަރުކާރަށް ދައްކަން ޖެހޭ ކުލިން އެއްވެސް ބަޔެއް އުންޏެއް ނުވާނެ އެވެ. އެހެނަސް ރަށުގެ ބިމަށް ބަޔެއް އިތުރު ކޮށްފި ނަމަ އެ އިތުރު ކުރެވުނު ބަޔަށް ކުލި އިތުރު ކުރެވޭނެ ކަމަށް އެ ގަވާއިދުބުނެ އެވެ.
ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގައި ދެ ލައްކަ އަކަމީޓަރަށް ވުރެ ބިމުގެ އޭރިޔާ ކުޑަ ބިމަކުން ނަގާކުލި އެއް މިލަޔަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނަމަ އެ ބިމެއްގެ ކުލި ކަމުގައި ކަނޑައަޅާފައި ވަނީ އަހަރަކަށް އެއް މިލިޔަން ޑޮލަރެވެ. އަދި ދެ ލައްކަ އެއް އަކަމީޓަރާއި ހަތަރު ލައްކަ އަކަމީޓަރުގެ ބިމަކުން އަހަރަކު އެއް މިލިޔަން ފަސްސަތޭކަ ހާސް އެމެރިކާ ޑޮލަރު ނަގާއިރު ހަތަރުލައްކަ އެކެއް އަކަމީޓަރަށް ވުރެ ބޮޑު ބިމެއްގެ ކުލި ދެ މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑުވާ ނަމަ ކުލީގެ ގޮތުގެ ދައްކަން ޖެހެނީ ދެމިލިއަން އެމެރިކާ ޑޮލަރެވެ.
އެ ގަވާއިދު ބުނާ ގޮތުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެހެންވެސް ބޭރުފައިސާ އަކުންނެވެ.
ކުލި ދެއްކުމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައި ވަނީ އަހަރު ހަތަރު ކުއާޓަރަކަށް ބަހާލައިގެންނެވެ. ކޮންމެ ކުއާޓަރެއްގެ ވެސް ކުލި ވެސް އެ ކުއާޓަރެއް ފެށޭ ދުވަހުގެ ކުރިން ސަރުކާރަށް ދައްކަން ވާނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ. އެގޮތުން ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން 15 ދުވަހުގެ ތެރޭގައި ފުރަތަމަ ކުއާޓަރުގެ ކުލި ސަރުކާރަށް ދައްކަން ޖެހޭ ކަމަށް އެ ގަވާއިދު ބުނެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އާދީއްތަ ދުވަހުން (1 ޖެނުއަރީ 2011) ފެށިގެން، ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޖީއެސްޓީގެ ގޮތުގައި 5.3 ޕަސެންޓްގެ ޓެކުހެއް ނަގަން ފަށާފަ އެވެ.