08 Jun 2014, 17:00
ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީގެ ގްރޫޕުން 12 ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސައިން މަނިކު މިއަދު ސަން އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އެ ބިލްތަކުގެ ތެރޭގައި މުޅިން އަލަށް ހުށަހަޅާ ބިލްތަކާއި ބައެއް ގާނޫނުތައް އުވާލުމަށް ހުށަހެޅި ބިލްތަކުގެ އިތުރުން ބައެއް ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭ ބިލްތައް ހިމެނޭ ކަމަށެވެ.
އެގޮތުން އިގުތިސާދީ ވަކި ސަރައްދުތަކެއް ކަނޑައެޅުމާ ގުޅޭ ބިލެއް ނިހާން ވަނީ މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ ބިލަކީ ބޮޑެތި އިންވެސްޓަރުން ރާއްޖެ ގެނައުމަށް ބާރު ލިބިގެންދާނެ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބިލަކީ ރާއްޖެ އަށް ތައާރަފު ކުރެވޭ ވަރަށް ތަފާތު ނިޒާމްގެ ބިލެއް. ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ފޯކަސް ކުރެވިގެން އެމީހުން ގެނައުމަށް ހިތްވަރުދިނުމަށް ވެރިކަން ހިންގުމުގެ ބާރަށް ކޮންމެހެން ވެސް ބޭނުންވާ ބިލެއް، " ނިހާން ވިދާޅުވި އެވެ.
އޭގެ އިތުރުން އާންމުންގެ ފެންނަ ނުފެންނަ ވޯޓުތައް ނަގާނެ ގޮތުގެ ބިލެއް މުޅިން އަލަށް ސަރުކާރުގެ ފަރާތުން މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ނިހާން ވިދާވި އެވެ. އަދި ތަރްބަވީ މާއްދާތަކެއް ގޮތުގައި ވަކި މާއްދާތަކެއް ކިޔަވައިދިމުގެ ތެރެއަށް އިތުރުކުރުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ ގާނޫނަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އަދި އިމިގްރޭޝަން ގާނޫނަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހަޅުއްވާ އިސްލާހަކާއި ވިލުފުށިދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި ބައެއް އިސްލާހްތައް ވެސް ހިމެނޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ހަމަ އެހެންމެ 1990 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަޖިލީގެ މެމްބަރުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނު އުވާލުމަށް ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. ނިހާން ވިދާޅުވީ އެ ގާނޫނު އުވާލުމަށް ހުށަހެޅީ މެމްބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާތީ ކަމަށެވެ.
"ގާނޫނު އަސާސީގައި ތަފްސީލުކޮން މުތްލަގަށް ބަޔާންކޮށްފައި އެބަވޭ މަޖިލިސް މެމްބަރުންގެ މުސާރަ ކަނޑައަޅާނީ މަޖިލީހުންނޭ. އެހެންވީމާ ގާނޫނަކުން އިތުރަށް އެބާރު ލިބުމަކީ މި ދެ ކަންތައް ފުށުއަރާކަމެއް،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން 1978 ވަނަ އަހަރު ފާސްކޮށްފައިވާ ހަތް ދުވަހަށް ވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގަ އާއި ހައްޔަރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނާއި ޝަރީއަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތަށް ސަރުކާރުން ބޭނުންވާ އެއްޗެހި ނެގުމާ ބެހޭ ގާނޫނުގެ އިތުރުން ލަގުވާ ތަކެއްޗާއި ހޮވާތަކެއްޗާ ބެހޭ ގާނޫނު އުވާލުމަށް ވެސް ބިލް ހުށަހަޅުއްވާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރައްދުތަކާ ބެހޭ ގާނޫނަށް ވެސް އިސްލާހުތަކެއް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވަނީ ހުށަހަޅުއްވާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭގެ އިތުރުން ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީންދޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާ ބެހޭ ގާނޫނު ވަނީ އިސްލާހަށް ހުށަހަޅުއްވާފަ އެވެ. ސަރުކާރުގެ ބޮންޑުގައި ތިބޭ މީހުން ސަރުކާރަށް ހިދުމަތްނުކޮށްފި ނަމަ އަދަބު ދިނުމުގެ މާއްދާ އުވާލުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.
މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ފެލްޓްތަކަށް ނަގާފައިވާ ޖީއެސްޓީ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކަން ޖެހޭ އިސްލާހެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ އިސްލާހު ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އެވެ.