08 Jun 2014, 16:45
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި "ސިޒޭރިއަން" ހަދައިގެން ނެގި ކުއްޖެއްގެ ބޮލުގައި ކޫރުން އެޅިފައިވާ ކަމަށް އެ އާއިލާ އިން ބުނެފި އެވެ.
އެ ކުއްޖާގެ ބައްޕަ ށ. ފޭދޫ، ޝޭޑީގްރޯ، އާދަމް ނަސީރު މިއަދު ބުނީ، އޭނާގެ އަންހެނުން ސިޒޭރިއަން ހެދުމަށް ފަހު ދަރިފުޅު ދައްކާލަން ނެރުނު އިރު އެ ކުއްޖާގެ ބޮލުން ޒަހަމްތަކެއް ގޮތަށް ކޫރުން އެޅިފައި ހުރި ކަމަށެވެ. ލަފާކުރެވެނީ އެ ކޫރުންތައް އެޅިފައި ވަނީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ތޫނު އެއްޗަކުން ބޮލުގައި އެޅިގެން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބޮލުގެ ތިން ތަނަކުން އެބަ ހުރި ޒަހަމް، އެ ކޮންމެ ޒަހަމެއް ވެސް އިންޗިއެއްހާ ދިގަށް އެބައިން. ދަރިފުޅު ފުރަތަމަ ދައްކާލި އިރު އެތަނުން އެއް ތަނުން ލޭވެސް އައިސްފައި ހުރީ،" އާދަމް ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ދަރިފުޅުގެ ބޮލުގައި އެ ކޫރުންތައް ހުރި ނަމަވެސް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ވަނީ އެކަން ހިނގާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.