ބްރަޒީލިޔާ (ޖޫން 8): ބްރަޒީލްގައި ސައޫދީ އަރަބިޔާގެ ދަރިފަސްކޮޅެއް އުފެއްދުމަށްޓަކައި ސައޫދީ ފިރިހެނުން ބްރަޒީލްގެ ޒުވާން އަންހެނުންނާ ކާވެނި ކުރަމުންގެންދާކަން އެގައުމުގައި ހުންނަވާ ސައޫދީ ސަފީރު ހިޝާމުލްގަހްތާނީ ހާމަކުރައްވައިފި އެވެ.

އަލްއަރަބިއްޔާ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ގަހްތާނީ ވިދާޅުވީ ބްރަޒީލަކީ ސައޫދީ ދަރިފަސްކޮޅެއް އޮތުން މުހިއްމު ގައުމެއް ކަމަށާއި އެކަމަށް ވަރަށް ރަނގަނޅު ފުރްސަތުތަކެއް އެބައޮތް ކަމުގަ އެވެ. ބްރަޒީލްގައި މަތީ ތައްލީމް ލިބިފައިވާ އަޚްލާގު ރަނގަނޅު އަދި ބޭރު މީހުންނާ ކައިވެނި ކުރަން ބޭނުންވާ ޒުވާން އަންހެނުންގެ ބޮޑު ޖީލެއް އެބައޮތް ކަމަށާއި މިފުރްސަތުގެ ބޭނުންކުރަން ސައޫދީ ފިރިހެނުން މިހާރު ހިފަންފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގަހްތާނީ ވިދާޅުވި ގޮތުގައި ބްރަޒީލްގެ އަންހެނުންނާ ކައިވެނިކުރަން ބޭނުންވާ ސައޫދީ ފިރިހެނުންގެ މަގްސަދަކީ ކައިވެންޏަށް ފަހު އަނބިމީހާ އެކު ބްރަޒީލްގައި ދިރިއުޅެ ސައޫދީ ދަރިފަސްކޮޅެއް އެގައުމުގައި އުފެއްދުމެވެ. މިގޮތުން ދާދިފަހުން ސައޫދީ 14 ފިރިހެނަކު ބްރަޒީލްގެ އަންހެނުންނާ ކައިވެނިކުރުމަށް ފަހު ބްރަޒީލަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ސައޫދީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ގިނައިން ޒިޔާރަތް ކުރަނީ ޔޫރަޕްގެ ގައުމުތަކަށާއި އޭޝިޔާގެ ގައުމުތަކަށެވެ. ބްރަޒީލް ފަދަ ލެޓިން އެމެރިކާގެ ގައުމުތަކަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ސައޫދީ ރައްޔިތުންގެ ކުރިން އަދަދު މަދު ނަމަވެސް މީގެ ހައެއްކަ އަހަރުން ފެށިގެން މިއަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ބްރަޒީލްގައި ހުންނަ ސަޢޫދީ އެންބަސީން ފާހަގަކުރެ އެވެ.

ބްރަޒީލަކީ ވަސީލަތްތައް ގިނަ ވިޔަފާރީގެ ފުރްސަތުތައް ބޮޑު ގައުމެކެވެ. އިގްތިސާދީ ފަންތިތަކަށް ބަލާ އިރު ބްރަޒީލަކީ ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ކުރިޔަށްދާ އިމާޖިން އިކޮނޮމީގެ ވެސް އެންމެ އުންމީދީ ގައުމެވެ. ބްރަޒީލްގައި ސައޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސައޫދީ ވިޔަފާރީވެރިންނަށް ހިއްވަރު ދިނުމަށް މަސައްކަތްކުރަމުން ގެންދާކަން ވެސް އެގައުމުގައި ހުންނަވާ ސައޫދީ ސަފީރު ހިޝާމުލްގަހްތާނީ ވިދާޅުވި އެވެ. (އަލްއަރަބިއްޔާ)