08 Jun 2014, 16:08
މިދިޔަ މަހުން ފެށިގެން ވިއްކި ބިންތަކާއި ފުލެޓްތަކުން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނަގަން ފަށާފައިވާތީ ސަރުކާރުން ވިއްކި ބިންތަކާއި ފުލެޓުތައް ގަތް މީހުންގެ އަތުން ނަގާފައިވާ ޖީއެސްޓީ ރުޖޫއަ ކުރަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޖީއެސްޓީ ނެގުން އިސްތިސްނާ ހާލަތެއް ބަޔާން ކުރުމަށެވެ.
އެގޮތުން މިދިޔަ މަހު ސަރުކާރުން ވިއްކި ބިންތަކާއި ފްލެޓްތަކުން ޖީއެސްޓީ ނަގާފައި ވާތީ، ބިލް ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި އެ މީހުންގެ އަތުން ނެގި ޖީއެސްޓީއަށް ވާ ފައިސާ އޭގެ ވެރިފަރާތާ ހަވާލު ކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެކަން ކުރަންވާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކަމަށް ވެސް ބިލުގައި ބަޔާން ކުރެ އެވެ.
ޖީއެސްޓީ ނެގުމުގެ ގާނޫނަށް މިއަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ގެނެސްފައިވާ ފުރަތަމަ އިސްލާހުގައި ވާ ގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނޭ ގޯތި ގެދޮރާއި ބިންތައް ގަނެ ވިއްކާނަމަ ޖީއެސްޓީ ނަގަންޖެހެ އެވެ. ސަރުކާރުން ވިއްކާ ފްލެޓްތަކާއި ބިންތަކުން ޖީއެސްޓީ ނެގުން އެ ގާނޫނުގައި އިސްތިސްނާކޮށްފައެއް ނުވެ އެވެ.
ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ސަރުކާރުން ވިއްކާ ބިންތަކާއި ފްލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަން ހުށަހަޅާފަ އެވެ. އެ ބިލް ކޮމެޓީ މަރުހަލާގައި ވަނިކޮށް މަޖިލީހުގެ ދައުރު ނިމި، 17 ވަނަ ރައްޔިތުންގެ މަޖިލިސް ވަނީ އުވި ގޮސްފަ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވިއްކާ ބިންތަކާއި ފްލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަންޖެހޭނެ ކަމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަނީ ވަކާލާތުކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ ފްލެޓްތަކުން ޖީއެސްޓި ނަގަން ފެށީ ވެސް ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލެއް މަޖިލީހުން ފާސްވެ، ތަސްދީގު ކުރުމުންނެވެ.