08 Jun 2014, 15:49
މާލޭގެ މަގުމަތީގައި އިތުރު ޑަސްބިންތަކެއް ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ވިދާޅުވީ މާލޭގެ މަގުތަކުގައި އިތުރަށް 200 ވަރަކަށް ޑަސްޓްބިން ބެހެއްޓޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ 200 ވަރަކަށް ޑަސްޓްބިން އިތުރަށް ބެހެއްޓޭތޯ. ޑަސްޓްބިންތައް ބަހައްޓާނެ ތަންތަން ލޮކޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" ޒައިދުލް އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޭގައި ހުންނަ ކުނިތައް ޑަސްޓްބިންތަކަށް އަޅަމުން އަންނަ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޑަސްބިންތައް އަވަހަށް ފުރެން މެދުވެރިވާ ކަމަށެވެ. އެހެންކަމުން ޑަސްބިލްތައް ބެހެއްޓުމުގެ އަސްލު މަގުސަދު ހާސިލުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޭގެއިން އުލާލެވޭ އެއްޗިހި މަގުމަތީގައި ހުންނަ ޑަސްޓްބިންތަކަށް އަޅަމުން ގެންދާ ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. އެފަދަ ކަންތައް ނުކުރުމަށް އަޅުގަނޑުމެން ރައްޔިތުންނަށް އިލްތިމާސް ކުރަން،" ޒައިދުލް އަމީން ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ޑަސްޓްބިންތައް ބަހައްޓަން ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއިރު ބަހައްޓާފައި ވަނީ 50 ޑަސްޓްބިން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް އަމަލުކުރުމަށް މިހާރު ވަނީ ފަށާފައެވެ. އެ ގަވާއިދުގެ ދަށުން މަގުމައްޗަށް ކުނިއަޅާ މީހުން ޖޫރިމަނާކުރެއެވެ. އެ މަސައްކަތް ކުރަނީ ޓްރެފިކް ޕޮލިހުންނެވެ.
ގަވާއިދު ބުނާގޮތުން ޖޫރިމަނާގެ ފައިސާ ދައްކަންޖެހެނީ ސިޓީ ކައުންސިލަށެވެ. ޑަސްޓްބިން ނޫން އެހެން ތަނަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަނީ 100 ރުފިޔާ އިންނެވެ.