މިދިޔަ ސީޒަނުގައި ބާސެލޯނާއާ ގުޅުމަށް ފަހު، ބްރެޒިލް ތަރި ނޭމާގެ ކުޅުން ރަނގަޅުވެފައިވާ ކަމުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ބްރެޒިލްގެ ސަންތޯސް އިން ބާސާއާ ގުޅުމަށް ފަހު، އުމުރުން 22 އަހަރުގެ ފޯވަޑް ވަނީ އެ ކްލަބަށް 11 އެސިސްޓާއި 13 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަންނަ ބުރާސްފަތި ދުވަހު އަމިއްލަ ގައުމުގައި ފަށާ ވޯލްޑް ކަޕުގައި ނޭމާ އަކީ ވިދާލާނެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ.

"އުމުރުން 17 އަހަރުގައި އަހަރެން ކްލަބު ފުޓްބޯޅަ ކުޅުނީ ހަމައެކަނި އަމިއްލަ ގައުމުގައި،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި 1958، 1962 އަދި 1970 ވަނަ އަހަރު ބްރެޒިލްއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕެލޭ ބުންޏެވެ. "ނޭމާގެ އުމުރުން އަދި އެންމެ 22 އަހަރު. ސްޕެއިން ލީގުގައި އަދި އެއް އަހަރު ދުވަހު ކުޅުމުގެ ތަޖުރިބާ ނޭމާގެ ކިބައިގައި އެބަހުރި. ބާސާއާ ގުޅުމަށް ފަހު، އޭނާގެ ހުނަރުވެރިކަން ދައްކައި، ކުޅުން ވަރަށް ރަނގަޅު ކޮށްފި،"

މުބާރާތް ހުޅުވުމަށް ޓަކައި ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00ގަ އެވެ. ބްރެޒިލްއާ ކްރޮއޭޝިއާގެ އިތުރުން ގްރޫޕް އޭގައި ދެން އޮތީ މެކްސިކޯ އާއި ކެމަރޫން އެވެ.