މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު ރޯޑް ރޭސްގައި ބައިވެރިވި އަންހެނަކާ ޓްރެފިކް ޕޮލިހަކު ފޮށުނު ކަމަށް ދެކޭ ވާހަކަތައް ތަހުގީގު ކުރި އިރު މިހާތަނަށް އެ ފުލުސް މީހާ ސުލޫކާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވާކަން އެނގެން ނެތް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުސް މީހާގެ މަލާމާތް ރައްދުވި ކަމަށް ބުނާ އަންހެން މީހާ ވަނީ އޭނާ ދުވަނިކޮށް ނަގާފައިވާ ފޮޓޯއެއް ބައެއް ސޯޝަލް މީޑިއާތަކަށް ލައިފަ އެވެ. އެ ފޮޓޯގައި ފެންނަނީ އެ އަންހެން މީހާ ދުވާ އިރު ކައިރިން ފުލުހުންގެ ޓްރެފިކް ފުލުހަކު ސައިކަލުގައި އަންނަ ތަނެވެ.

ފޮޓޯއާ އެކު އެ އަންހެން މީހާ ޕޯސްޓް ކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ ރޭހުގެ އެންމެ ފަހަތުގައި އުޅޭ މީހުންގެ ތެރޭގައި އޭނާ ހިމެނޭތީ ފުލުސް މީހާ އޭނާއާ ދިމާކޮށް ބުލީކޮށްފައިވާ ކަމަށެވެ. ކަޅުތުއްކަލާ ކޮއްޓާ ހަމައިން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޭނާއާ އެއްވަރަށް ފުލުސް މީހާ ސައިކަލުގައި ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި އެ ފޮޓޯ ދައުރުވާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ އަމިއްލަ އިސްނެގުމަކަށް ކަމަށެވެ.

"ބައެއް ސޯޝަލް މީޑިއާގައި އެ ފޮޓޯ ދައުރުވާތީ އަޅުގަނޑުމެންގެ އަމިއްލަ އިސް ނެގުމަކަށް މައްސަލަ ބަލަން ފެށީ. އަދި މިހާތަނަށް ފުލުސް މީހާގެ ސުލޫކާ ހިލާފު އެއްވެސް އަމަލެއް ކުރި ކަމެއް އެނގޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.