ކޮރެޔާ ޖަޕާން 2002 ގެ ވޯރލްޑް ކަޕް ފެށިގެން އައި އިރު، މީޑިއާގެ އެންމެ މަގުބޫލު އެއް ޝަޚްސިއްޔަތަކަށް ވީ އިޓަލީ ރެފްރީ ޕިއެރްލުއިޖި ކޮލީނާއެވެ. ބޯ ބާލައި، މާދޫނި ބިހުގެ ތޮށިގަނޑެއް ހެން އޮމާން ކޮށްލައިގެން ހުންނަ، އަދި ކުޅުންތެރީންނާ ދިމާޔަށް ފިސާރި ބޮޑު، އަދި އަލިފާނުގެ ކަނި ބުރަބުރައި ހުންނަ ކަހަލަ ދެ ލޮލަކުން ލޯ އަޅާ ކޮލީނާ އަކީ އެއިރު ދުނިޔޭގެ އެއްވަނަ ރެފްރީއެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީކަން ކުރީ ވެސް ކޮލީނާއެވެ. އެއިރު އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ އަކީ، އެންމެ ޖެހިލުން ކުޑަ ކުޅުންތެރީން ވެސް، ކޮލީނާ ދެކެ ބިރު ގަންނަ ވާހަކައެވެ.

ބްރެޒިލް 2014 އާ ހަމަޔަށް އައި އިރު، ކޮލީނާއާ އެއްފަދަ ރެފްރީއެކޭ ބުނެވޭނޭ ރެފްރީއެއް ނެތެވެ. ނަމަވެސް މި ފަހަރު ވެސް ޖެހިލުން ކުޑަ، ވަރުގަދަ ރެފްރީންތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި، އިނގިރޭސި ރެފްރީ ހަވާރޑް ވެބް ހިމެނެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) ގެ ފަރާތުން ބުނާ ގޮތުގައި، ހަވާރޑް ވެބަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ރެފްރީންގެ ތެރެއިން އެއް ރެފްރީއެވެ. މި އަހަރުގެ ފެބުރުވަރީ މަހު އޮތް އައިއެފްއެފްއެޗްއެސްގެ އެވޯޑުގައި، 2013 ވަނަ އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދީ ވެސް ހަވާރޑް ވެބްއެވެ.

ބްރެޒިލް 2014 ގައި ހިމެނޭ ހަމައެކަނި އިނގިރޭސި ރެފްރީ ވެބް އަކީ އިނގިރޭސި ވިލާތުގެ ސައުތު ޔޯރކްޝަޔަރގައި ފުލުހެއްގެ ވަޒީފާގައި އުޅުމަށް ފަހު، ރެފްރީކަން ކުރާން ފެށި މީހެކެވެ. ވޯރލްޑް ކަޕް 2010 ގެ ފައިނަލް މެޗުގައި ރެފްރީކަން ކުރި ވެބްއަކީ ކިތަންމެ މޮޅު ރެފްރީއެއް ކަމަށް ވިޔަސް، އިނގިރޭސި ބައެއް ޓީމުތަކުގެ ކޯޗުންގެ ފާޑުކިޔުން އޭނާއަށް އަމާޒު ވެފައި ވެއެވެ. އެގޮތުން، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ދާދި ފަހުން ވަކި ކުރެވުނު ޑޭވިޑް މޮޔެސް އާއި، ލިވަރޕޫލްގެ ކޯޗު ބްރެންޑެން ރޮޖަރސް ވަނީ މިދިޔަ އަހަރު ވެބް ދެކެ ރުޅި އައިސްގެން އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ފެބުރުވަރީ މަހުގައި އޮތް އައިއެފްއެފްއެޗްއެސްގެ އެވޯޑުގައި، ދުނިޔޭގެ އެންމެ މޮޅު ދިހަ ރެފްރީންގެ ގޮތުގައި ހޮވި ރެފްރީންގެ ތެރެއިން، އިޓަލީގެ ނިކޮލާ ރިޒޯލީ އާއި، ޖަރުމަނުގެ ފެލިކްސް ބްރިޗް އާއި، ތުރުކީގެ ޖުނައިދު ޖާގިރު އާއި، ހޮލެންޑުގެ ބިޔޯރން ކުއިޕަރޒް އާއި، ޕޯރޗުގަލްގެ ޕެޑްރޯ ޕްރޯއެންކާ އާއި، އުޒްބެކިސްތާނުގެ ރަވްޝާން އިރްމަޓޯވް އާއި، ސްޕޭނުގެ ކާރލޯސް ވެލާސްކޯ، ބްރެޒިލް 2014 ގެ ރެފްރީންގެ ގޮތުގައި ފެނިގެން ދާނެއެވެ.

މީގެ ތެރެއިން ޖުނައިދު ޖާގިރަކީ 2013 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގައި، ޔުނައިޓެޑްގެ ނާނިއަށް ރަތް ކާޑު ދެއްކި ރެފްރީއެވެ. އެ ކާޑާ ގުޅިގެން، ޔުނައިޓެޑުގެ ކޯޗު ސަރ އެލެކްސް ފާރގުސަން ރަތަށް އަރައި، ރެފްރީ ޖުނައިދަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ. އެ ހާދިސާއަށް ފަހު އިނގިރޭސީން ޖުނައިދު ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫން ކަމަށް ވެއެވެ. މި ފަހަރުގެ މުބާރާތުގައި ރެފްރީކަން ކުރިޔަސް، ޖުނައިދަށް އިންގްލެންޑުގެ މެޗެއް ހަވާލު ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ބްރެޒިލް 2014 އަށް، ވޯރލްޑް ކަޕަށް ކޮލިފައިން ކުޅުމަށް ޓަކައި ގައުމުތައް ފީފާއިން ބަހާލައިފައި އޮންނަ 6 ޒޯނުން ވެސް ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެގިފައި ވެއެވެ. އެގޮތުން، ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެގިފައި ވަނީ އަންނަނިވި ގޮތަށެވެ.

އެފްރިކާ ޒޯނުން 5 ރެފްރީންނާއި 8 އެސިސްޓެންޓް ރެފްރީން
އޭޝިޔާ ޒޯނުން 5 ރެފްރީންނާއި 9 އެސިސްޓެންޓް ރެފްރީން
ޔޫރަޕް ޒޯނުން 10 ރެފްރީންނާއި 19 އެސިސްޓެންޓް ރެފްރީން
އުތުރު އަދި މެދުތެރޭ އެމެރިކާ އާއި ކެރީބިއަން ޒޯނުން 5 ރެފްރީންނާއި 8 އެސިސްޓެންޓް ރެފްރީން
އޯޝޭނިއާ ޒޯނުން 2 ރެފްރީންނާއި 3 އެސިސްޓެންޓް ރެފްރީން
ދެކުނު އެމެރިކާ ޒޯނުން 6 ރެފްރީންނާއި 11 އެސިސްޓެންޓް ރެފްރީން

މި ފަހަރުގެ ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެގިފައި ވަނީ ޖުމުލަ 43 ގައުމަކުންނެވެ. އޭގެ ތެރޭގައި އެފްރިކާ ޒޯނުން ހިމެނެނީ ކެމަރޫން، ދެކުނު އެފްރިކާ، އައިވަރީ ކޯސްޓް، ގެމްބިއާ، އަލްޖީރިއާ، މޮރޮކޯ، ބުރުންޑީ، ސެނެގާލް، ރުވާންޑާ، އަދި ކެންޔާއެވެ. އޭޝިޔާ ޒޯނުން ހިމެނެނީ އީރާން، އުޒްބެކިސްތާން، ޖަޕާން، ބަޙްރައިން، އޮސްޓްރޭލިޔާ، އަދި ކިރްގިޒްސްތާނެވެ. ޔޫރަޕް ޒޯނުން ހިމެނެނީ ޖަރުމަން، ތުރުކީ، ސްވިޑްން، ހޮލެންޑް، ސާރބިއާ، ނޯރވޭ، ޕޯރޗުގަލް، އިޓަލީ، ސްޕޭން، އަދި އިންގްލެންޑެވެ. އުތުރު އަދި މެދުތެރޭ އެމެރިކާ އާއި ކެރީބިއަން ޒޯނުން ހިމެނެނީ އެލް ސެލްވަޑޯރ، ޔޫއެސްއޭ، ގުއަޓެމާލާ، ޕެނަމާ، މެކްސިކޯ، ކެނެޑާ، އަދި ކޮސްޓަ ރީކާއެވެ. އޯޝޭނިއާ ޒޯނުން ހިމެނެނީ ޓަހިޓީ، ނިއު ޒިލޭންޑް، އަދި ފިޖީއެވެ. ދެކުނު އެމެރިކާއިން ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެގިފައި ވަނީ ޕެރޫ، ޗިލީ، އާރޖެންޓީނާ، ބްރެޒިލް، ކޮލަމްބިއާ، އިކުއެޑޯރ، އަދި ޕެރަގުއޭ މި ގައުމުތަކުންނެވެ.