08 Jun 2014, 14:24
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި ބަހްރޭންގެ މައްޗަށް މިއަދު ކުރިހޯދައި ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ބަހްރޭން އާއި ބައްދަލުކޮށް ރާއްޖެ މިއަދުގެ މެޗް ކާމިޔާބު ކުރީ އަށް ވިކެޓުންނެވެ. މިއަދުގެ މެޗުގެ ޓޮސް ލިބުމުން ބަހްރޭން ގަސްދުކުރީ ކުޅެންށެވެ. ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 48 އޯވަރުގެތެރޭގައި ހެދިފައިވަނީ 130 ލަނޑުއެވެ. ގިނަ އަދަދެއްގެ އިންޑިޔާ އަދި ޕާކިސްތާން ކުޅުންތެރިން ބަހުރޭން ޓީމުގައި ހިމެނެއެވެ.
މިއަދުގެ މެޗްގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކީ 8.3 އޯވަރުގެ ތެރޭގައި 16 ލަނޑަށް ހަތަރު ވިކެޓް ނެގި މުހަންމަދު މަހްފޫޒް އެވެ. މީގެ އިތުރުން އަހްމަދު ހަސަން އާއި ހަސަން އިބްރާހީމް އާއި މުހަންމަދު ސާފީއާއި މިހުސާން ހާމިދު ކޮންމެ އުކުންތެރިއެއް އެއްވިކެޓް ނެގި އެވެ.
ޖަވާބުގައި ރާއްޖޭގެ ޓީމު ކުޅެން އަރައި ހުރިހާކުޅުންތެރީން ނުބައިވި އިރު ޖުމުލަ 88 ލަނޑު ހަދާފައިވެ އެވެ. ރާއްޖޭގެ ޓީމުން އަބްދުﷲ ޝާހިދު ޓީމަށް 57 ލަނޑު ހަދައިދީފައި ވެއެވެ. ޝާހިދު ތިންފަހަރު ހަޔަކަށް އަދި ތިން ފަހަރު ހަތަރަކަށް ޖަހައިފައިވެ އެވެ. ޝާހިދު އާއި އެކު ކުޅެން ނުކުތް އަހްމަދު ހަސަން އިނިންގްސް ނިންމާލީ ނުބައިނުވެ 41 ލަނޑު ހަދައިފައެވެ. މީގެ އިތުުރުން ސަފްރާޒް 26 ލަނޑު ހެދި އެވެ.
މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭ ޓީމުގެ މުހަންމަދު މަހްފޫޒު އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ. އަދި ބުދަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ބޫޓާނު އަތުން ވެސް މޮޅުވެފަ އެވެ.