އިންސާނިއްޔަތާއި ހިލާފަށް ރާއްޖޭގައި އިތުރުވަމުންދާ ހަމަލާތައް، ހުއްޓުވައި އަމަން އަމާން ގައުމަކަށް މި ގައުމު ހެދުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ޖުމްހޫރީ ޕާޓީން ދައުލަތުގެ ތިން ބާރަށް ގޮވާލައިފި އެވެ.


ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އަތޮޅުތެރޭގަ އާއި ހާއްސަކޮށް ވެރިކަން ކުރާ މާލޭގައި އިންސާނިއްޔަތުކަމެއް ނެތި މީހުންނަށް ދެމުންދާ ހަމަލާތައް މިހާރަކަށް އައިސް އިތުރުވެ، މުޖުތަމައު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވުމީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.


އާއްމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ފަރާތްތަކަށާއި ގާނޫނުތައް ހަދާ ފަރާތްތަކުގެ އިތުރުން އެ ގާނޫނުތައް ތަންޒީޒު ކުރާ ފަރާތްތަކަށް އަމާޒުވެފައިވާ ހަމަލާތައް ހުއްޓުވުމަށްޓަކައި ދައުލަތުގެ ތިން ބާރުން ވެސް ރާއްޖެ އަމާންތަނަކަށް ހެދުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ޖުމްހޫރީ ޕާޓިން ގޮވާލާ ކަމަށެވެ.


މީހުންނަށް ލިބެމުންދާ އަނިޔާތަކާއި ގެއްލިގެންދާ ފުރާނައާއި މުދަލަށް ލިބޭ ކޮންމެ ގެއްލުމަކީ ދިވެހި ގައުމަށް ލިބޭ ގެއްލުމެއް ކަމުގައި ވީއިރު، އަދުލު އިންސާފު ގާއިމް ކުރުމަށް ޝަރުއީ ދާއިރާގައި ކަންކަން ކުރިޔަށްދާ މިންވަރު ހަލުވި ކުރުމަށްޓަކާ އެކަށޭނަ ގާނޫނުތައް ހެދުން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.