08 Jun 2014, 14:21
ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވިދާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖަވާ ވިދާޅުވީ، އެ އިދާރާގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ކްލަބުތަކުގެ އެހީއާއެކު ފުޓްބޯޅަ މިހާރު އޮތް ލެވެލްއަށް ވުރެ މަތީ ލެވެލްއަކަށް ގެންދެވިދާނެ ކަމަށެވެ.
"އެފްއޭއެމްގައި މިހާރު މިއޮތް މެނޭޖްމެންޓާއި އެފްއޭއެމްގެ ސްޓާފުންނާއި ކްލަބުތަކުގެ އެހީއާއެކު ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އެއީ މިހާރު މިއޮތް ލެވެލްއަށް ވުރެ، އިތުރު ލެވެލްއެއް. އެޑްމިނިސްޓްރޭޓިވް ނޫނީ ގައުމީ ޓީމުގެ ޕާފޯމަންސް ލެވެލް އިން ކޯޗުން ތަމްރީންކުރުމުން ރެފްރީން ތަމްރީންކުރުމުން ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވިދާނެ ކަމުގެ ޔަގީންކަމެއް އެބައޮތް،" އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ، ރެފްރީންނަށް ހިންގާ ކޯހެއް މާދަމާ ފަށާނެ ކަމަށާއި އެ ކޯހުގައި އުޒްބަކިސްތާނުގެ އިންސްޓްރަކްޓަރަކާއި މެލޭޝިއާގެ އިންސްޓްރަކްޓަރަކާއި އަދި ރާއްޖޭގެ ތިން އިންސްޓްރަކްޓަރުން ބައިވެރިވާނެ ކަމަށެވެ.
"އުޒްބަކިސްތާނުގެ އިންސްޓްރަކްޓަރަކާއި މެލޭޝިއާގެ އިންސްޓްރަކްޓަރަކާއި އަދި ރާއްޖޭގެ ތިން އިންސްޓްރަކްޓަރުން ބައިވެރިވެގެން މާދަމާ އަޅުގަނޑުމެން އެބަ ފަށަން އެމްއޭ ރެފްރީސް ކޯހެއް. ފަސް ދުވަހަށް ދެމިގެންދާ މި ކޯހުގައި 30 ބައިވެރިން ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރިން ފޯރިއާއެކު ކުރިއަށް ގެންދިޔަ އަތޮޅު ފުޓްބޯޅަ މުބާރާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަވާ ވިދާޅުވީ، އެ މުބާރާތް ބޭއްވޭނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް އަންނަ ހަފްތާ ތެރޭގައި އެފްއޭއެމުން އަތޮޅު ކައުންސިލްތަކާ ބައްދަލު ކުރާނެ ކަމަށެވެ.
"އަތޮޅު މުބާރާތަށް އަޅުގަނޑުމެން އިސްކަމެއް ދޭން ބޭނުން. އަތޮޅު މުބާރާތް މިދިޔައީ ވަރަށް ބޮޑަށް ނުބޭއްވި ލަސްވަމުން. އެހެން ނަމަވެސް އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދުގެ ވަރަށް ބޮޑު އެދުމެއް އަދި ވަރަށް ކައިރިން ބަލަމުންދާ ކަމެއް އެއީ އަތޮޅު މުބާރާތް ބޭއްވޭ ގޮތެއް ހެއްދެވުން. އެ މުބާރާތް ބޭއްވުމަށްޓަކައި މި ހަފްތާ ތެރޭގައި އަޅުގަނޑުމެން އެބަ އަތޮޅު ކައުންސިލްތަކާއި ބައްދަލުކޮށްލަން. އެ މުބާރާތް ބޭއްވޭނެ ގޮތަކާއި މެދު އެބޭފުޅުންނާއި މަޝްވަރާކޮށް އަދި މުބާރާތުގެ ކަންތައްތައް އޮމާންކޮށް ގެންދެވޭތޯ،" ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.