08 Jun 2014, 14:01
މިސްރުގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެ ގައުމުގެ ކުރީގެ އަސްކަރީ ވެރިޔާ، އަބްދުލް ފައްތާހު އައް ސީސީ ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.
މިސްރުގެ ރިޔާސަތަށް ސީސީ އިންތިޚާބު ވެވަޑައިގެންފައި ވަނީ 96.91 އިންސައްތަ ވޯޓުންނެވެ. ސީސީއަށް ތޭވީސް މިލިއަން ހަތްލައްކަ އަށްޑިހަ ހާސް ވޯޓު ލިބިވަޑައިގެންފައި ވެއެވެ.
މިސްރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އައް ސީސީ ހުވާ ކުރެއްވީ ކައިރޯގެ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އާންމު ޖަލްސާއެއްގައި 21 ބަޑީގެ ސަލާމަކާއެކު އެވެ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް މިސްރުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ދަމަހައްޓައި ދިނުމަށް އައް ސީސީ ހުވާކުރައްވާފައި ވެއެވެ.
މިސްރުގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކާއި މިނިވަންކަމާއި ކަރާމާތްތެރިކަމާއި އިންސާނިއްޔަތުކަން ފޯރުކޮށްދިނުމާއެކު އިޖްތިމާޢީ އަދާލަތުގެ ފުރިހަމަ ނިޒާމެއް މިސްރުގައި ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އައް ސީސީ ދެއްވި އެވެ.
ސީސީ ވެރިކަމަށް ވަޑައިގަތީ މިސްރުގައި އޮތް ހުސްނީ މުބާރަކްގެ ވެރިކަމަށް ފަހު އެގައުމުގައި ބޭއްވި ޑިމޮކްރެޓިކް ފުރަތަމަ އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު އެވެ. މުރްސީގެ ވެރިކަން ވެއްޓުނުތާ މިހާރު ގާތްގަނޑަކަށް އެއް އަހަރު ދުވަސް ވެއްޖެ އެވެ.