ލ. އިސްދޫ ބަޔަކު މަސްތަކެއް ކައިގެން ވިހަވެއްޖެ އެވެ.

އިސްދޫ ކައުންސިލް މެމްބަރު އަލީ މުހުތާޒު މިއަދު ސަން އަށް ވިދާޅުވީ "މޮފާ-305" ދޯނީގައި މަސައްކަތް ކުރާ ހަ މީހަކު މަސްކައިގެން ވިހަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިއްޔެ ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ އެންމެން ވެސް ރަނގަޅު ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ އެކަން ދިމާވީ އިއްޔެ ނޫން އިހަށް ދުވަހު އެ މީހުން ކެއްކި މަސްތަކެއް އެއް ފަހަރު ކެއުމަށް ފަހު ކޮތަޅަކަށްލާފައި ބެހެއްޓުމަށް ފަހު އިއްޔެ އަނެއްކާ ވެސް އެ މަސްތައް ބޭނުން ކުރުމުން ކަމަށެވެ. މަސްތައް ބޭނުންކުރި އިރު، ކޮތަޅު ތެރޭ ކޮންމެވެސް ވަރަކަށް ފެން ހެދިފައި ހުރި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

"ހެނދުނު ފާރޮއްޓާއި މަހާ އެމީހުން ކެއީ. ފުރަތަމަ މީހާ ހޮޑުލާން ފެށީ މާންދޫ އަށް މަސްކިރަން ދިޔަ މަގުމަތީގައި މެންދުރު 1:00 އެހާކަންހާއިރު. މަސްކިރައިގެން އެނބުރި އައިރު ދެން ތިބި މީހުން ސަކަރާތްވެގެން ދެމިފައި ތިބީ. ދެމީހުން ތިބީ ސަލާމަތުން. އެމީހުން ވެސް ކޮންމެ ވެސް ވަރަކަށް އެ މަސް ކެއި ކަމަށް ވަނީ. އެކަމަކު އެމީހުންނަކަށް ގޮތެއް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެންމެން ރަށަށް ގެންގޮސް ސިއްހީ މަރުކަޒަށް ގެންދިޔައީ ޕިކަޕަކަށް އަރުވައިގެން ކަމަށެވެ. އަދި އައިވީ ގުޅުމަށް ފަހު ތިންގަޑި އިރު ވަރުވަންދެން މަރުކަޒުގައި އެޑްމިޓް ކުރުމަށް ފަހު އެންމެން ދޫކޮށްލާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.