08 Jun 2014, 12:55
ރައީސް އޮފީހުން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިކްރާމް ހަސަން އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.
އިކްރާމް ގޭގައި މަޑުކުރައްވަން ރައީސް އަންގާވަފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް އޮފީހުން އޭރު ބުނެފައި ވަނީ ރައީސް އެގޮތަށް އަންގަވާފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކު ޕީޕީއެމުން ހަދާފައިވާ ކޯލިޝަންގައި ދިމާވެގެން އުޅޭ މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިމެންދެން ކަމަށެވެ.
އިކްރާމް އޮފީހަށް ނުކުންނަވަން ފެށިކަން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެ އޮފިޝަލު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އިކްރާމް އޮފީހަށް ނުކުންނަވަން ފައްޓަވާފައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިކްރާމްއާ އެކު އެރު، ގޭގައި މަޑު ކުރައްވަން އެންގެވި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބެއިރު ވަނީ މިހާރު މަގާމުން ވަކިކުރައްވައިފަ އެވެ.
މަގާމުން ވަކި ކުރެއްވި ދެ ބޭފުޅުން ވެސް ތިއްބެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އަދި މިހާރު ވަޒީފާ އަށް ނުކުންނަވަން ފެއްތެވި އިކްރާމް އަދި ވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.