08 Jun 2014, 12:44
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައި ދާދި ފަހުން އެ އިދާރާގެ ޖެނެރެލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރި ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުޓްބޯޅަ ދާއިރާގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަވާ ވިދާޅުވީ، އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ އިދާރީ ހިންގުންތައް ރަނގަޅު ކުރުމަށް ކަމަށެވެ.
"ފުޓްބޯލް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން ދަނީ ވަރަށް ޑެޑިކޭޓަޑް ސްޓާފުންތަކެއް. އެކަން ޗެލެންޖް ކަޕުގައި އެނގިގެން ދިޔަ. އެއީ ވަރަށް ކާމިޔާބު މުބާރާތެއް. އެފްއޭއެމްގެ ހިންގުމުގެ ކާމިޔާބުކަން އެ މުބާރާތުން އެބަ އެނގިގެންދޭ. އެއީ ފުޓްބޯޅައިގައި، ގައުމީ ލެވެލްގައި ލިބިގެން ދިޔަ ކޮންފެޑެރޭޝަނަކުން ބާއްވާ މުބާރާތެއްގެ މެޑެލްއެއް އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ. "އެހެން ކަމުން ގައުމީ ޓީމުން ފެށިގެން މުބާރާތް ބޭއްވުމުގެ ކަންތައްތަކާއި ހުރިހާ ކަމެއްގައި ވެސް އެފްއޭއެމްގެ ހިންގުންތެރިކަން ވަރަށް ރަނގަޅު ކަމަށް އެބަ ފެނޭ. އެހެން ނަމަވެސް އެފްއޭއެމް ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެގޮތުން އަޅުގަނޑު ދެކެނީ މުހިންމު ކަމެއް ދޭން ޖެހެނީ އިދާރީ ހިންގުތައް ރަނގަޅު ކުރުމަށް. އެއީ ކްލަބުތަކުގައި އަދި އެފްއޭއެމްގައި ވެސް އިދާރީ ކަންތައްތައް އެބަ ރަނގަޅު ކުރަން ޖެހޭ،"
ޖަވާ ވިދާޅުވީ، ފުޓްބޯޅައިގައި ހަމައެކަނި އޮންނަނީ ކުޅުންތެރިން ކުޅުން ނުވަތަ ކޯޗިންގް އެއް ނޫން ކަމަށާއި އިދާރީ މުވައްޒަފުން ވެސް ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް އޮތްގޮތް ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެފްއޭއެމް ހިނގަމުންދާނީ މުވައްޒަފުން ބޭނުންވާގޮތަށް، އެމީހުން ބޭނުންވާ ކަންތައްތަކެއް ފުރިހަމަ ވެގެން ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.
"ސްޓާފުންނަށް އެބަޖެހޭ އެމީހުން ޑެވެލޮޕް ވާން ފުރުސަތު ދޭން. ޕާސަނަލް ޑިވެލޮޕްމެންޓަށް ފުރުސަތު ދޭން. އެފްއޭއެމް ހިނގަމުންދާނީ ސްޓާފުން އެ ބޭނުންވާ ގޮތަށް އެމީހުން ބޭނުންވާ ކަންތައްތަކެއް ފުރިހަމަ ވެގެން. އެމީހުން ދަސްކުރަން ބޭނުންވާ ކަންތައްތަކެއް ދަސްވެގެން. ފުޓްބޯޅައިގައި ހަމައެކަނި މި އޮންނަނީކީ ކުޅުންތެރިން ކުޅުން ނުވަތަ ކޯޗިންގްއެއް ނޫން. އެޑްމިން ސްޓާފުން ވެސް އެބަޖެހޭ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް އޮތް ގޮތް ދަސްކުރަން. އެ ފުރުސަތު އަޅުގަނޑުމެން ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.
އޭއެފްސީ ޗެލެންޖް ކަޕުގައި ވޮލަންޓިޔަރުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތައް ފާހަގަކޮށް ޖަވާ ވިދާޅުވީ، ކޮންމެ ބޭފުޅަކަށް ވެސް އެފްއޭއެމްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ފުޓްބޯޅައިގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް މިކަމުގައި ބައިވެރިވެވޭ ގޮތަށް އެފްއޭއެމް ހިނގަމުންދާނީ. އެގޮތުން ޗެލެންޖް ކަޕުގައި ވެސް ވަރަށް ގިނަ ވޮލަންޓިޔަރުން މަސައްކަތް ކުރި. އެހެންވީމާ އެ ބޭފުޅުން ބޭނުންވާ ގޮތަށް އެފްއޭމްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް. ތައުލީމީ ގޮތުން ވެސް ސްޓާފުން ބެނުންވާ ކަމަށްވާ ނަމަ އެ ފުރުސަތުތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މިދިޔަ ހަފްތާގައި އައްޔަންކުރި ޖަވާ ކުރިން ހުންނެވީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް މެނޭޖަރުގެ މަގާމުގަ އެވެ.