08 Jun 2014, 12:40
އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީ ފަޅިން ވާދަކުރާ ފޯޗުގަލްގެ ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވާން ފަށައިފި އެވެ.
ޕޯޗުގަލް ޓީމުގެ ކެޕްޓަން ރޮނާލްޑޯ އެޓީމުގެ ފަރިތަކުރުންތަކުގައި ފެނިފައި ނުވަނީ، އޭނާގެ ވާތު ފައިގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނެވެ. އަދި ފާއިތުވި ދުވަސްތަކުގައި ވޯލްޑްކަޕަށް ތައްޔާރުވުމަށް ޕޯޗުގަލް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުތަކުން ވެސް ރޮނާލްޑޯ ފެނިފައެއް ނުވެއެވެ. އެހެންކަމުން ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
ޕޯޗުގަލްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއްޔެ ބުނެފައި ވަނީ، ޓީމުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފެށުމުން މުޅި ޓީމަށް ވެސް އާ ހިތްވަރެއް ލިބިފައިވާ ކަމަށާއި ރޮނާލްޑޯއަށް ލިބިފައިވާ އަނިޔާ މިހާރު ވަނީ މުޅީން ރަނގަޅުވެފައި ކަމަށެވެ.
ޕޯޗުގަލްގެ ކޯޗް ޕައުލޯ ބުނީ، އަނިޔާއަށް ފަހު ޓީމުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވުމުން ޓީމުގެ ކުޅުންތެރީންނަށް އާ ހިތްވަރެއް ލިބިއްޖެ ކަަމަށާއި އެހެން ކަމުން މުބާރާތުގައި ވެސް ރޮނާލްޑޯއަށް ކުޅެވި، ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗް ޕައުލޯ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗްގަލް ހިމެނެނީ ގްރޫޕް ޖީ ގައެވެ. އެފަޅީގައި ދެން ހިމެނޭ ޓީމް ތަކަކީ އެމެރިކާ އާއި ގާނާ އަދި ޖަރުމަނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް މިމަހުގެ 16 ވަނަ ދުވަހު ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.