ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހަ މަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުކުމްކޮށްފައި ވަނީ މ. ރަނިކަ، ހަސަން ހަލީމް 31،ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވީ، 2012 ވަނަ އަހަރުގެ މެއި 28 ވަނަ ދުވަހު އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓައި ފުލުހުނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހަކަށް ގެއްލުމެއް ދީފާވާނެކަމުގެ ބިރުދައްކައި، އިންޒާރު ދީފައިވާކަން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ކުށުން ހަސަން ހަލީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެކުށުގެ އުގޫބާތެއްގެ ގޮތުން އެ ގާނޫނުގެ ދަށުން ހަ މަސް ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރީ ކުރިމިނަލް ކޯޓުންނެވެ.

ފުލުހުން ބުނީ ހަސަން ހަލީމަކީ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.