04 Jan 2011, 04:56
އިސްލާމްއާބާދު: ޕާކިސްތާނުގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް ނެޝަނަލް މޫމެންޓް (މުއްތަޙިދާ ޕާޓީ) ސަރުކާރުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅުމުން ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރު ނާޒުކު ޙާލަތަކަށްވެއްޓި އެސަރުކާރު ދެމިއޮތުމާމެދު ސުވާލު އުފެދިއްޖެވެ. މުއްތަޙިދާ ޕާޓީ، ސަރުކާރުން ވަކިވުމުން ގީލާނީގެ ސަރުކާރު ދެމިއޮތުމަށްޓަކައި ޤާނޫނީ ގޮތުން ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތު މިހާރުވަނީ ގެއްލިފައެވެ. މިޙާލަތުގައި އިތުބާރުގެ ވޯޓެއް ނަގައިފިނަމަ ގީލާނީގެ ސަރުކާރަށް ބަރުލަމާނުގެ ތާއީދު ނުލިބި އެސަރުކާރު ވެއްޓޭނެ ކަން މިހާރުވަނީ ކަށަވަރުވެފައެވެ.
ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތު ހޯދުމަށްޓަކައި ގީލާނީ އިއްޔެވަނީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ތާއީދު ދޭނެކަމުގެ ޔަގީންކަން އިދިކޮޅު އެއްވެސް ޕާޓީއަކުން ދީފައެއް ނުވެއެވެ. މުއްތަޙިދާ ޕާޓީ، ގީލާނީގެ ކޯލިޝަނުން ވަކިވީ އެޕާޓީއަށް ނިސްބަތްވާ ދެވަޒީރަކު ގީލާނީގެ ސަރުކާރުގެ ކެބިނެޓުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޯލިޝަނުން ވަކިވުމާބެހޭ ގޮތުން މުއްތަޙިދާ ޕާޓީގެ މަސްއޫލުވެރިއެއް ކަމަށްވާ ފައިސަލް ސައިޒްވަރީ ވިދާޅުވީ މިކަންކުރަންޖެހުނީ އެޕާޓީން އެދުނު އެއްވެސް ކަމަކަށް ގީލާނީގެ ސަރުކާރުން އަޅާނުލުމުންނެވެ. މުއްދަޙިދާ ޕާޓީއަކީ ކުޑަޕާޓީއެއް ނަމަވެސް އެއީ ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކަރާޗީގައި އެންމެ ނުފޫޒުގަދަ ޕާޓީއެވެ. މިޕާޓީއަށް ޕާކިސްތާނުގެ ބަރުލަމާނުގައި ހިމެނޭ 342 ގޮނޑިން 25 ގޮނޑި ލިބިފައިވެއެވެ. ގީލާނީގެ ކޯލިޝަން ސަރުކާރު އުފެދިފައިވަނީ މުއްތަޙިދާ ޕާޓީއާއެކު ބަރުލަމާނުގައި 181 ގޮނޑި ހޯދައިގެންނެވެ. މި ޕާޓީ ވަކިވުމުން ގީލާނީގެ ސަރުކާރަށް މިހާރު ލިބިފައިވަނީ ބަރުލަމާނުގެ 342 ގޮނޑީގެ ތެރެއިން އެންމެ 156 ގޮނޑިއެވެ. މިއީ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ އަޣްލަބިއްޔަތު ކަމަށްވާ 172 ގޮނޑިއަށްވުރެ 17 ގޮނޑި މަދު ޢަދަދެކެވެ. ގީލާނީގެ ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ ކަމަށްވާ ޢުލަމާއުލް އިސްލާމް ޕާޓީ ވަނީ މިދިޔަ ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ކޯލިޝަނުން ވަކިވެފައެވެ.
ޕާކިސްތާނުގެ ސަރުކާރު ވެއްޓުމަކީ އެމެރިކާއާއި ހުޅަނގުގެ ބާރުތައް ކަންބޮޑުވާނެ ކަމެކެވެ. އެއީ، ގީލާނީގެ ސަރުކާރު މެދުވެރިކޮށް ތާލިބާނުންނާ ދެކޮޅަށް ނުސީދާގޮތެއްގައި އެމެރިކާ ކުރަމުންގެންދާ ހަނގުރާމައަށް މިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ. ބޮޑުވަޒީރު ގީލާނީ އިއްޔެ ވިދާޅުވީ ސަރުކާރު ވެއްޓުމުގެ ބިރު އަދިނެތް ކަމަށާއި ނަމަވެސް ކޯލިޝަންގައި ބައިވެރިވާނެ އިތުރު ޕާޓީއެއް ލިބޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ އޭނާގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ގީލާނީގެ ސަރުކާރަށް އޮތްކަން ހާމަކުރައްވާފައެވެ. ގީލާނީގެ ކޯލިޝަން ސަރުކާރަކީ ޒަރުދާރީގެ ޕީޕަލްސް ޕާޓީން އުފައްދާފައިވާ ސަރުކާރެކެވެ.