އިންސާނެއްގެ ރަހިމުން މިހާތަނަށް ނެގި އެންމެ ބޮޑު ޓިއުމަރު ކަމަށް ބެލެވޭ “ސުޕަރ ޖަޔަންޓް ޔޫޓިރައިން ފައިބްރޮއިޑް” އިންޑިއާ އަންހެނެއްގެ ރަހިމުން ނަގައިފިއެވެ.

ބަރުދަނުގައި 13.6 ކިލޯގްރާމް އަދި ވަށަމިނުގައި 21 އިންޗި ހުންނަ މި ޓިއުމަރު ނަގާފައި ވަނީ 52 އަހަރުގެ ލަތާ ކިޔުނު އަންހެނެއް ގެ ރަހިމުންނެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އިންޑިއާގެ ޗެންނާއި ގައި ހުންނަ ކުމަރަން ހޮސްޕިޓަލުގައި، މިދިޔަ މެއި މަހުގެ ތެރޭގައެވެ.

މީގެ އެއްމަސްދުވަސް ކުރިން ހޮސްޕިޓަލަށް ދިއުމުން ލަތާގެ ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރުން ބުނީ އޭނާގެ ލޭ މަދުވެފައިވާ ކަމަށާއި ރަހިމުގެ ބޭރު ފާރުގައި ބޮޑު “ފައިބްރޮއިޑް” އެއް އެބަ ހުރިކަމަށެވެ. އަދި މީގެ ސަބަބުން ލަތާގެ ރަހިމު ފިތި، ލޭ އަންނަން މެދުވެރިވަނީ ކަމަށްވެސް ޑޮކްޓަރުން ބުންޏެވެ.

ހޮސްޕިޓަލަށް ދިޔަތާ ދެ ދުވަސް ތެރޭގައި ލަތާ އޮޕަރޭޝަން ކުރިއެވެ. އަދި 4 ޑޮކްޓަރުންގެ ޓީމަކުން ތިން ގަޑި އިރާއި ބައި ވަންދެން މަސައްކަތް ކުރުމަށް ފަހު ލަތާގެ ރަހިމުން އާދަޔާ ހިލާފަށް ބޮޑު ޓިއުމަރެއް ނެގިއެވެ.

“ޑޮކްޓަރުން މިއަށް ކިޔަނީ “ސުޕަރ ޖަޔަންޓް ޔޫޓިރައިން ފައިބްރޮއިޑް”، މިހާތަނަށް މީގެ އެންމެ ބޮޑު ޓިއުމަރެއް ނަގާފައި ވަނީ އެފްރިކާ އަންހެނެއްގެ ގައިން. އޭގައި 9.5 ކިލޯގްރާމް ހުރި،” ކުމަރަން ހޮސްޕިޓަލުގެ އަންހެނުންނަށް ހާއްސަ ބަލިތަކާ ބެހޭ ޑިޕާޓްމަންޓާ ހަވާލުވެގެން ހުރި ޑޮކްޓަރު މަނީ މެކާލައި ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ލަތާގެ ގައިން ނެގި 13 ކިލޯގެ ޓިއުމަރު ބޮޑުވަމުން އަންނަތާ 20 އަހަރަށް ވުރެ ގިނަދުވަސް ވެދާނެއެވެ. ނަމަވެސް ޓިއުމަރެއް އުފެދެމުން އަންނަ އިރު އަލާމާތްތައް ފެންނާނީ އެ ޓިއުމަރެއް އުފެދެމުން އަންނަ ގުނަވަނެއްގެ ހިނގުމަށް ބުރޫއަރައި، އެ ގުނަވަނެއް ބަލިކަށިވުމުން ކަމަށް ޑޮކްޓަރު މަނީ މެކާލައި ބުންޏެވެ. އަދި ލަތާގެ ރަހިމުން ނެގި ޓިއުމަރު ހުރީ އޭނާގެ ރަހިމުގެ ބޭރުގައި ކަމަށާއި، އެހެންކަމުން އެނާއަށް އޭތި ހުރިކަން ނޭންގި، ގިނަދުވަސްތަކެއް ވަންދެން މާބޮޑު އުނދަގުލެއް ނުވެ އުޅެވުނީ ކަމަށް ޑޮކްޓަރ މަނީ މެކާލައި ކިޔައިދިނެވެ.

“ފައިބްރޮއިޑްއެއް ބޮޑުވާން ލޭ ބޭނުންވާނެ. އޭތި އޮތީ ވަރަށް ގިނަ ލޭ ނާރުތަކާ ގުޅިފައި. އަހަރެމެންނަށް ޖެހުނީ ވަރަށް ބަލައިގެން އޭތި ކަފާލައިގެން ނަގަން،” ލަތާގެ އޮޕަރޭޝަންގައި ބައިވެރިވި ގެސްޓްރޯއެންޓްރޮލޮޖިސްޓް އެއް ކަމަށްވާ ޑޮކްޓަރު ޝިވާ ކުމާރު ކިޔައިދިނެވެ.

ޑޮކްޓަރުން ވަނީ އެ ޓިއުމަރާ އެކު ލަތާގެ ރަހިމުވެސް ނަގާފައެވެ. އޮޕަރޭޝަންގެ ކުޑަ ދުވަސްކޮޅެއްގެ ފަހުން ލަތާގެ ހާލަތު ރަނގަޅުވެ އޭނާވަނީ ގެއަށް ދޫކޮށްލައިފައެވެ.

ރަހިމުގައި އުފެދޭ ޓިއުމަރު ނުވަތަ ޔޫޓިރައިން ޓިއުމަރަކީ އާއްމު އެއްޗެކެވެ. ދަރިމައިވާ އުމުރުގެ އަންހެނުންގެ 25 އިންސައްތަ އަންހެނުންގެ ގައިގައި ޔޫޓިރައިން ޓިއުމަރ ހުންނަކަމަށް ދިރާސާތަކުން ދައްކައެވެ.

ރަހިމުގައި ޓިއުމަރ އުފެދޭން ދިމާވާ މައިގަނޑު އެއް ސަބަބަކީ އީސްޓްރޯޖަން ހޯމޯން އާދަޔާ ހިލާފަށް ގިނަވުމެވެ. އަދި އާއްމުކޮށް މިފަދަ ޓިއުމަރ އުފެދެނީ ރަހިމުގެ ތެރޭގައި، އެކައްޗަށް ވުރެ ގިނައިންނެވެ. ނަމަވެސް 13 ކިލޯއަށް ޔޫޓިރައިން ޓިއުމަރެއް ބޮޑުވުމުކީ އާއްމު ކަމެއް ނޫނެވެ.