ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އާޖެންޓީނާ އާއި ސްޕެއިން މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ސްލޮވީނިއާ ބައްދަލުކޮށް 2-0 ލަނޑުންނެވެ. އަދި ސްޕެއިން މޮޅުވީ އެލްސަލްވަޑޯ އާ ބައްދަލުކޮށް 2-0 ލަނޑުންނެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލް އެ ޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 12 ވަނަ މިނެޓުގައި މިޑްފީލްޑަރު ރިކީ އަލްވަރޭޒް އެވެ. އަދި އާޖެންޓީނާގެ ދެވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ ފޯވާޑް ލިއޮނަލް މެސީ އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް އެފް ގަ އެވެ. މިގްރޫޕްގައި ދެން ހިމެނޭ ޓީމްތަކަކީ ބޮސްނިއާ، އިރާން އަދި ނައިޖީރިއާ އެވެ. މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ މިމަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ބޮސްނިއާ އާއި ދެކޮޅަށެވެ.

އެލްސަލްވަޑޯ އަތުން ރޭ ސްޕެއިން 2-0 ލަނޑުން މޮޅުވި މެޗުގައި ސްޕެއިން އަށް ގޯލްތައް ޖަހާދިން ކުޅުންތެރިންނަކީ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި ޑޭވިޑް ވިލާ އެވެ.

މިފަހަރުގެ މުބާރާތުގައި ސްޕެއިން ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. މި ފަޅީގައި ދެންހިމެނޭ ޓީމްތަކަކީ ނެދަލެންޑްސް އާއި ޗިލީ އަދި އޮސްޓޭލިއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިން މިމަހުގެ 13 ވަނަ ދުވަހު ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.