08 Jun 2014, 11:02
ގދ. ފަރެސްމާތޮޑާ ގެއަކުން ރޭ ދަންވަރު ގެއްލުނު ތިޖޫރީއެއް އެ ރަށު ކައުންސިލަރުންނާއި ފުލުހުން، ޖެހިގެން އޮތް ފަޅު ރަށުން ހޯދައިފި އެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ވިދާޅުވީ ތިޖޫރި ފެނުނީ ޖެހިގެން އޮތް ކެލައިހުއްޓާ އިން ކަމަށާއި އެ ރަށަށް ދިޔައިރު ރަށު ސްކޫލުގެ ދަރިވަރަކު ވެސް އެ ވަގުތު ފަޅު ރަށުގައި ހުރި ކަމަށެވެ.
"މާތޮޑާ އަވަށާ ގާތްގަނޑަކަށް 300 ފޫޓު ދުރުގައި މި ފަޅު ރަށް އޮންނާނީ. އެއްޗެއްގައި ތަޅާ އަޑު އިވޭހެން ހީވެގެން އަޅުގަނޑުމެން ދިޔައީ. ދިޔައިރު މި ރަށު ސްކޫލުގެ ކުއްޖަކު ވެސް ހުރި. ވަރަށް ދާ ހިތްލާފަ ހުރީ ވެސް އޭނާ. އެކަމަކު އެއްބަހައެއް ނުވޭ. ތިޖޫރި ވެސް ފަޅާލަން މަސައްކަތް ކޮށްފަ ހުރީ،" ސައީދު ވިދާޅުވި އެވެ.

ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތް ކުރުމުގައި ބޭނުންކުރި ކަމަށް ބެލެވޭ މަރުތެލި --- ފޮޓޯ: ފަރެސްމާތޮޑާ ކައުންސިލް
ކައުންސިލަރު ވިދާޅުވީ ތިޖޫރީ ހަލާކުކޮށްލުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ފޭރާއަކާއި މަރުތެލަކާއި ދަގަނޑެއް އެރަށުން ފެނިފައިވާ ކަމަށެވެ.
ތިޖޫރި ވަގަށް ނެގި އިރު ވަކި ލާރިން 3000 ވަރަކަށް ރުފިޔާ އާއި ބައެއް އިތުރު ފައިސާ އޭގައި ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.
"މާތޮޑާ އަވަށުގެ ސަމަން ކިޔާ ގެއެއްގެ ތިޖޫރީއެއް އެއީ. ކެޔޮޅަކާ އޭނާގެ އަންހެނުން އެ ގޭގައި އުޅޭނީ. ކެޔޮޅު ވީ މަހަށް ގޮސް. އޭނާ އަންހެނުން ވީ މާލޭގައި. ތިޖޫރީގައި ހުންނާނީ ވަކި ލާރިން ތިން ހާހެއްހާ ރުފިޔާ އާއި ބައެއް 500 ރުފިޔާގެ ނޫޓު،" އޭނާ ވިދާޅުވި އެވެ.

ގެއްލުނު ތިޖޫރި ގަސްތަކުގެ ތެރެއަށް އެއްލާލާފައި --- ފޮޓޯ: ފަރެސްމާތޮޑާ ކައުންސިލް
އެ މައްސަލައާ ގުޅިގެން އުމުރުން 14 އަހަރުގެ ސްކޫލް ކުއްޖަކު ފުލުހުން ވަނީ ހައްުޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.