ހުޅުލެއާއި މާލެއާ ދެމެދު ބްރިޖް އެޅުމުގެ ޕްރޮޖެކްޓަށް ބިޑް ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ބްރިޖް އެޅުމުގެ ޕުރޮޖެކްޓަށް ބިޑް ކުރުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ކަމަށެވެ.

ކުރިން އޮތް ގޮތުން ބިޑް ކުރުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ނުވަ ވަނަ ދުވަހަށެވެ.

"އަޅުގަނޑުމެން މިގޮތަށް ނިންމީ ވަރަށް ގިނަ ކުންފުނިން އެކަމަށް އެދުމުގެ ސަބަބުން،" އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުލެއާއި މާލެއާ ދެމެދު ބްރިޖް އެޅުމުގެ ޕްރޮޖެކްޓަށް 19 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު އެހުރިހާ ކުންފުންޏަކަށް ވެސް ޑީޓެއިލްޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޗައިނާގެ 11 ކުންފުންޏަކާއި އިންޑިއާގެ ދެ ކުންފުންޏަކާއި އެމެރިކާ، ފަރަންސޭސިވިލާތް، ތުރުކީ، އިނގިރޭސިވިލާތް، ދިވެހިރާއްޖެ އަދި އޮސްޓްރޭލިޔާ މިއިން ކޮންމެ ގައުމަކުން ކުންފުންޏެވެ.